01 May 2017, 16:03
މަޝްހޫރު ފްރެންޗައިޒް ފާސްޓް އެންޑް ފިއުރިއަސްގެ އަށް ވަނަ ފިލްމު، "ފޭޓް އޮފް ދި ފިއުރިއަސް" އަށް ދުނިޔޭގެ ބޮކްސް އޮފީހުން އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިއްޖެއެވެ.
އިއްޔެގެ ނިޔަލަށް ޔުނިވާސަލްގެ އެ ފިލްމަށް ބައިނަލްއަގްވާމީ ބޮކްސް އޮފީހުން 867.6 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، ނޯތް އެމެރިކާގެ ބޮކްސް އޮފީހުން އެ ފިލްމަށް ވަނީ 192.7 މިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ.
އެ ރެކޯޑް ހާސިލްކޮށްފައި މިވަނީ ތިއޭޓަރުގައި ފޭޓް އޮފް ދި ފިއުރިއަސް ރިލީޒް ކުރިތާ 17 ދުވަހުގެ ތެރޭގައެވެ. މިއަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފިލްމު، "ބިއުޓީ އެންޑް ދަ ބީސްޓް" އަށް އެ ރެކޯޑާ ހާސިލްވީ މަހެއް ފަހުންނެވެ.
އެފް ގެރީ ގްރޭ ޑައިރެކްޓްކޮށް އޭ ލިސްޓު ތަރިންގެ ތެރޭގައި ހިމެނޭ ވިން ޑީޒަލް، ޑްވޭން ޖޯންސަން (ރޮކް)، ޗާލިޒް ތެރަން، ޖެސަން ސްޓެތަމް، ޓައިރީޒް ގިބްސަން، ކާޓް ރަސަލް އަދި ނަތަލީ އެމަނުއެލް ފެނިގެންދާ އެ ފިލްމަކީ މިހާތަނަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު 30 ވަނަ ފިލްމެވެ.
އޭގެ އިތުރުން މިއީ "ފިއުރިއަސް 7" އަށްފަހު އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފާސްޓް އެންޑް ފިއުރިއަސްގެ ދެވަނަ ފިލްމެވެ.