01 May 2017, 14:44
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބޭރު މީހެއްގެ އަތުން 25 ޑޮލަރު އަދި ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ނަގަންފަށައިފި އެވެ.
ިދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި އެވެ. އަދި އެ ގާނޫނުގައިވާ ގޮތުން މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން ޑެވޮލަޕްމަންޓް ފީގެ ގޮތުގައި 25 ޑޮލަރު އަދި ދިވެއްސެއްގެ އަތުން 12 ޑޮލަރު ނަގަން ޖެހެ އެވެ. އެ ޓެކްސް އިން އިސްތިސްނާ ވަނީ ޑިޕޮލަމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އެކަންޏެވެ.
އެ ގާނޫނު މަޖިލީހުން ފާސްކުރީ، އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖުގެ ނަމުގައި، އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ޓެކްސްއެއް ނެގުމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވުމުންނެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގާނީ ޓިކެޓު ގަންނަ އިރު، ޓިކެޓުގެ އަގުގެ ތެރޭގައި ހިމަނައިގެންނެވެ. މި ޓެކްސްއާއި ސާވިސް ޗާޖުގެ ބަޔާން ހުށަހަޅަން ޖެހެނީ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން މިހާރު ވެސް ރާއްޖޭގެ އެއާޕޯޓަކުން، ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު، އަދި ދިވެއްސެއްގެ އަތުން 12 ޑޮލަރު، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ނަގަ އެވެ.
ސާވިސް ޗާޖު ޓެކުހުން އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސްއާއި އެއާޕޯޓް ސާވިސް ޗާޖު މީރާއަށް ދައްކަން ޖެހެނީ އެމެރިކާ ޑޮލަރުންނެވެ.