ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާއާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާ ހައްޔަރުކޮށްފައިވާކަން އާއިލާއަށް އެންގީ މިއަދު ހެނދުނު 11 ޖަހާކަންހާއިރު އެވެ.

އޭނާ ހައްޔަރު ކުރުމަށް ފަހު، ފުލުހުން ވަނީ މިއަދު މެންދުރު އޭނާ ދިރިއުޅޭ ގެ، މ. އަފްސާނާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފަ އެވެ. އަފްސާނާގެއަކީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު މ. ސްޕެކްޓިއުލާގޭ ކައިރީގައި ހުންނަ ގެއެކެވެ.

އަފްސާނާގެ ބަލައިފާސްކުރީ ދިފްރާނު އެގެއަށް ގެންގޮސް އޭނާގެ ހާޒިރުގަ އެވެ. ފުލުހުން ވަނީ އެ ގެ ބަލައިފާސްކުރުމަށް ފަހު ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ތޮއްޕެއް ވެސް ހިމެނެ އެވެ.

އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު ފުލުހުން ވަނީ ދިފްރާންގެ ހަރަކާތްތައް ވީޑިއޯކޮށް، އަދި އެތަނަށް އެއްވި މީހުންގެ މަންޒަރުތައް ވެސް ވަކިވަކިން ވީޑިއޯކޮށްފައެވެ. އެފަދަ ސީންތަކުގެ މަންޒަރުތައް ފުލުހުން އާންމުކޮށް ވީޑިއޯ ކުރަނީ ސީރިއަސް މައްސަލަތަކުގަ އެވެ. އަފްސާނާގެ ބަލައިފާސްކުރި ސަރަހައްދަށް ދިޔަ ފުލުހުންގެ އޮފިސަރުންގެ ތެރޭގައި ވެސް މަރުގެ ބޮޑެތި މައްސަލަތައް ތަހުގީގު ކުރި އޮފިސަރުން ހިމެނެއެވެ.

މ. ސްޕެޓިއުލާގެ ހުންނަ ސަރަހައްދުގައި ހުރި ގެއަކުން ޒުވާނަކު ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު އޭނާގެ ހަރަކާތްތައް ފުލުހުން ވީޑިއޯ ކުރަނީ--- ސަން ފޮޓޯ/ މުހައްމަދު ސަމާހު

ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާފަންނު ބިސްބުރު ހިމެނޭ ސަރަހައްދުގެ ބޮޑު ބައެއް ބަންދުކޮށްގެންނެވެ.

ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން "ސަން"އަށް ވިދާޅުވީ އެ އޮޕަރޭޝަނާ ބެހޭ އެއްވެސް މައުލޫމާތެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.

ޒުވާނަކު ހައްޔަރުކޮށްގެން ގެންދަނީ: ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ބިސް ބުރު ހިމެނޭ ސަރަހައްދުގެ ބޮޑު ބައެއް ބަންދުކޮށްގެން--- ސަން ފޮޓޯ/ މުހައްމަދު ސަމާހު

ދިފްރާން ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭ ޓެކްސީއެއްގައި ދިފްރާންގެ މަންމަ އެ ސަރަހައްދަށް އައެވެ. އަދި އަޑުއަޑު ނަގައި ރޮައި ހޭރުނު މަންޒަރު އެ ސަރަހައްދަށް ދިޔަ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ސަންގެ ނޫސްވެރިން ވަނީ ދިފްރާންގެ އާއިލާގެ ބައެއް މެމްބަރުންނާ ވާހަކަދައްކައި ކަން ހިނގި ގޮތް އޮޅުންފިލުވާފައެވެ. އާއިލާއިން ބުނި ގޮތުގައި ދިފްރާނަކީ އަހުލާގު ރަނގަޅު ދީންވެރި ކުއްޖެއް ކަމަށެވެ.

"ފަތިހުން ސުރެ ދިފްރާން ގެއްލިގެން ހޯދަމުންދަނިކޮށް ފުލުހުން ގުޅާފައި ބުނީ އޭނާ ހައްޔަރުކޮށްފައި ހުރި ވާހަކަ. އާންމުކޮށް ފަތިސް ނަމާދަށްދާ ކުއްޖެއް. އަދި ސުންނަތް ނަމާދުތައް ވެސް ބަރާބަރަށް ކުރާނެ." ދިފްރާންގެ އާއިލާގެ މެމްބަރަކު ބުންޏެވެ.

ޔާމީން މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުގައި ހުރި ގެއަކުން ޒުވާނަކު ހައްޔަރުކުރި ވަގުތު އެސަރަހައްތައް ގިނަ އަދެދެއްގެ އާއްމުން ނާއި ނޫސްވެރިން އެއްވެފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަންއަށް އެނގިފައިވާ ގޮތުގައި ދިފްރާނަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ ޒުވާނެކެވެ. ހައްޔަރު ކުރިއިރު އޭނާ ގެންދިޔައީ މަސްތުވާތަކެތިން ރައްކާތެރިވުމަށްފަރުވާ ހޯދަމުން ކަން ވެސް އެނގިފައިވެއެވެ.