ދިއްލީ (މޭ 1): ގެވެށި އަނިޔާ ހުއްޓުވުމަށް އިންޑިއާގެ މަދްޔަ ޕްރެދޭޝްގައި އަލަށް ކައިވެނި ކުރި 700 އަންހެނަކަށް ލަކުނޑި ފިލާގަނޑެއް ދީފި އެވެ.

އިންޑިއާގައި މީގެ ކުރިން ހެދުން ދޮންނަން ބޭނުން ކުރާ ބާވަތުގެ އެފިލާގަނޑުތަކުގައި "މަސްތުވެފައި ތިބޭ މީހުންނާ ދެކޮޅަށް ބޭނުން ކުރުމަށާއި" އެފަދަ ހާލަތެއްގައި ފުލުހުން އެކަން ނުހުއްޓުވާނެ ކަމަށް ލިޔެފައިވެ އެވެ.

މަދްޔަ ޕްރަދޭޝްގެ ސްޓޭޓް މިނިސްޓަރު ގޯޕާލް ބަރުގަވާ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 15 އިންޗި ހުންނަ އެފިލާގަނޑުތައް އަންހެނުންނަށް ހަދިޔާ ކުރެއްވީ ފަގީރު ހިސާބުތަކުގައި މަސްތުވެފައިވާ ފިރިހެނުން އެމީހުންގެ އަނބިންނަށް ކުރާ އަނިޔާ އިތުރުވުމުގެ ސަބަބުންނެވެ.

"އަންހެނުން ބުނާ ގޮތުގައި އެމީހުންގެ ފިރިން މަސްތުވުމުން އަނިޔާ ކުރަން ފަށާފައި. އަދި އެމީހުން ރައްކާކޮށްފައިވާ ފައިސާ ނަގައި، ބަނގުރާ ގަތުމަށް އެ ފައިސާ ހަރަދު ކުރޭ،" ބަރުގަވާ ވިދާޅުވި އެވެ.

މީގެ އިތުރުން ބަރުގަވާ ވަނީ އެފިލާގަނޑުގެ މަގުސަދަކީ ހަމަނުޖެހުން އުފެއްދުމަށް އަންހެނުނަށް ހިތްވަރު ދިނުން ނޫން ކަމަށާއި، އޭގެ މަގުސަދަކީ ހަމަނުޖެހުން ހުއްޓުވުމާއި ގެވެށި އަނިޔާއަށް މީހުންގެ ސަމާލުކަން ގެނައުން ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެއީ އަންނަ އަހަރު އޮތް ސްޓޭޓް އިލެކްޝަނާ ދިމާކޮށް، ރައްޔިތުންގެ ތާއިދު ހޯދުމަށް ބަރުގަވާ ކުރެއްވި ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ބަރުގަވާ އަކީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީގެ މެމްބަރެކެވެ.

އެ ފިލާގަނޑުތައް ހަދިޔާކޮށްފައި ވަނީ އެއް ފަހަރާ 700 ޖޯޑު ކައިވެނި ކުރި ހަފްލާއެއްގަ އެވެ. އިންޑިއާގައި ގިނަ ބަޔަކު އެއް ފަހަރާ ކައިވެނި ކުރަނީ ކުޑަ އާމްދަނީއެއް ލިބޭ ފަރާތްތަކުން ކައިވެނި ހަފްލާއަށް ހަރަދު ނުކޮށް ކައިވެނި ހަފްލާއެއްގައި ބައިވެރިވެވޭނެ ގޮތް ހެދުމަށެވެ. (ބީބީސީ)