01 May 2017, 14:04
ސިއްހީ ދާއިރާ އަށް ބޭނުންވާ ސުޕާ ސުޕެޝަލިސްޓުން ތަމްރީން ކުރުމަށް ހަތް ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.
ނޭޕާލްގައި ހުންނަ ޓްރިބްވާން ޔުނިވާސިޓީ އިން ދޭން ހަމަޖެހިފައިވާ އެ ސްކޮލަޝިޕް ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ:
1 އެމްޑީ އެނެސްތީސިއޮލޮޖީ
- 1 އެމްޑީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ
- 1 އެމްޑީ ޕީޑިއެޓްރިކްސް
- 1 އެމްޑީ ރޭޑިއޯޑައިގްނޯސިސް
- 1 އެމްޑީ އީއެންޓީ
- 1 އެމްޑީ އެމްއެސް ޖެނެރަލް ސާޖަރީ
- 1 އެމްއެސް އޯތޮޕީޑިކްސް
އެ ސްކޮލާޝިޕް ފުރުސަތުތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އެމްބީބީއެސް ހާސިލްކޮށް އިންޓާންޝިޕް ފުރިހަމަ ކޮށްފައިވުމާއި އެމްބީބީއެސް ފުރިހަމަކުރުމަށް ފަހު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްތްރީ ވެފައިވުމުގެ އިތުރުން އެމްބީބީއެސް ޑިގްރީ ހާސިލްކޮށް އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު މެއި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެއް ކަމުގައިވުމެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) ބުނީ، އެ ސްކޮލާޝިޕް ފުރުސަތުތަކަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރުމުގައި އެންމެ ފުރަތަމަ އިސްކަން ދެވޭނީ މިހާރު ޑޮކްޓަރެއްގެ ވަޒީފާ އަދާކުރައްވާ މީހުންގެ ތެރެއިން އެމްބީބީއެސް ފުރިހަމަކުރުމަށް ފަހު އަތޮޅުތެރެއަށް މަދުވެގެން ހަ މަސް ދުވަހު ހިދުމަތް ކުރައްވާފައިވާ ޑޮކްޓަރުންނަށް ކަމަށެވެ.
އެއަށް ފަހު ދެން އިސްކަންދޭނީ އެމްބީބީއެސް ފުރިހަމަކުރުމަށް ފަހު ސިއްހީ ހިދުމަތް ދެއްވާ ސަރުކާރު ތަނެއްގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ޑޮކްޓަރުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ޑީއެޗްއީ އިން ބުނީ، އެ ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:30ގެ ކުރިން، ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންގެ ކައުންޓަރަށެވެ.
ރާއްޖޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކުރުމަށް ޓަކައި ދިވެހިންނަށް ތަމްރީނުގެ ފުރުސަތު ތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުގެ އެހީގައި މިވަގުތު 37 އަށް ވުރެ ގިނަ ޑޮކްޓަރުން ދަނީ ތައުލީމު ހާސިލްކުރަމުންނެވެ.
އެގޮތުން ނޭޕާލްގެ ޓްރިބުވާން ޔުނިވާސިޓީގައި ދިވެހި 15 އަށްވުރެ ގިނަ ޑޮކްޓަރުން ދަނީ އެމްބީބީއެސް ހަދަމުންނެވެ.