ސިވިލް ސާވިސް ކޮމީޝަން (ސީއެސްސީ)އަށް މިއަދު ނުވަ އަހަރު ފުރުނުއިރު، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިވިލްސާވަންޓު މުވައްޒަފުންނަށް ދެމުންދާ މުސާރަ އާއި އިނާޔަތް ކުޑަވުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސީއެސްސީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވޭތުވެދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި، ހަމަ އެއާއެކު ބޮޑެތި ގޮންޖެހުންތަކެއް ވެސް ކުރިމަތި ވަމުންދާ ކަމަށެވެ.

އެގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް ލިބޭ މުސާރަ ކުޑަވުމުން އެހެން ވަޒީފާތަކަށް ދާކަން އެ ކޮމިޝަނުން ފާހަގަ ކުރެއެވެ. އެގޮތަށް އެކަން ދިމާވަނީ ވަޒީފާގެ ބާޒާރާ އަޅާބަލާއިރު، ސިވިލް ސާވިސްގެ މުސާރަ އާއި އިނާޔަތް ކުޑަވުމުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

"(މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ) ސަބަބުން ދިވެހި ސިވިލް ސާވިސްގެ މަތީ ގިންތިތަކަށް ހުނަރުވެރި ގާބިލު މުވައްޒަފުން ހޯދުން ވަނީ ވަރަށް ދަތިވެފައެވެ. އަދި ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް، ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ދިވެހި ސިވިލް ސާވިސްއަށް އެންމެ ބޮޑު ހީނަރުކަން ކުރިމަތިވަމުންދާ މައްސަލަ އެވެ." ސީއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދެ ވަނައަށް އެންމެ ބޮޑު ގޮންޖެހުމެއް ކަމުގައި އެ ކޮމިޝަނުން ފާހަގަކޮށްފައިވަނީ، މުވައްޒަފުން މޯޓިވޭޓް ކުރެވޭނެ ގޮތްތައް ހޯދައިދެމުން ނުގެންދެވުމެވެ.

އެގޮތުން ސީއެސްސީގެ މުވައްޒަފުން ކަންތައްތަކަކަށް އެދުމުންދާ ކަމަށް އެ ކޮމިޝަނުން ފާހަގަ ކުރެ އެވެ. މާލޭގައި މަސައްކަތްކުރާ ދަރިމައި މުވައްޒަފުންނަށް ވަޒީފާގެ ވަގުތުތަކުގައި ތުއްތު ދަރިން ބަލަހައްޓައިދޭނެ "ޑޭކެއާ ސެންޓަރު"ގެ ހިދުމަތް ލިބުމާއި ހަށިގަނޑުގެ ތަރުބިއްޔަތާއި މުނިފޫހިފިލުވުމަށާއި، ފިލާވަޅުތައް ދަސްކޮށްލަން ހަމަހިމޭން މާހައުލެއް ލިބޭނެ ފަދަ މަރުކަޒެއްގެ ހިދުމަތް ލިބުމަކީ މުވައްޒަފުންގެ އެދުމެއް ކަމަށް އެ ކޮމިޝަނުން ފާހަގަ ކުރެ އެވެ.

ނަމަވެސް ތަފާތު ސަބަބު ތަކަކާހުރެ އެކަންކަން މުވައްޒަފުންނަށް ކޮށްދެވިފައިނުވާ ކަމަށާއި، އެކަންކަމާ ގުޅޭ ގޮތުން ސަރުކާރާ މަޝްވަރާކޮށް އެކަމުގެ ދިރާސާތައް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ސިވިލް ސާވިސްގައި މިހާރު 24510 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަން ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ސިވިލް ސާވިސް ކުރިއެރުވުމަށް ދެ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރެވިފައިވާކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި އިދާރީ އަދި ހިންގުމުގެ ދާއިރާގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް 2009 ވަނަ އަހަރު ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓެއް ގާއިމްކޮށް ކޯސްތައް ހިންގަމުންދާ ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ އިންސްޓިޓިއުޓުން 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް 17514 މުވައްޒަފުން ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.

އަތޮޅުތަކުގައި ތިބި މުވައްޒަފުންނަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޯސްތަކުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށް "ވާޗުއަލް ލާނިން" ދެ ކްލާސްރޫމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުންވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުގެ ބަޔާނުގައި ސިވިލް ސާވިސް މުވައްޒަފުން އަމިއްލައަށް މަތީ ތައުލީމު ހާސިލް ކުރުމަށް ފަހިކޮށްދިނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޯށް "ސްޓަޑީ ލޯން ސްކީމެއް" ތައާރަފް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ސިވިލް ސާވިސް އަށް މިއަދު ނުވަ އަހަރު ފުރިފައިވާއިރު، ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރާ އެކު މަޝްވަރާތައް ކުރެވެމުންދާކަމަށް އެ ކޮމިޝަނުން ފާހަގަ ކުރެ އެވެ.

ހިތްހެޔޮކަމާއި ހިނިތުންވުމާއެކު، މުޖުތަމައުގެ މަސްލަހަތު އިސްކޮށް އަވަސް ހިދުމަތެއް ދިނުމަކީ މުވައްޒަފުންގެ ކިބައިން ސިވިލް ސާވިސް ކޮމިޝަނުން އެދޭ އެދުން ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަ ކުރައްވާފަ އެވެ.