އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ފަށައި ޙިއްޞާ ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ފުޅާވަމުން އަންނަ މުވާސަލާތީ ކުންފުނި، އުރީދޫ އިން ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް އެ ކުންފުނީގެ ޙިއްޞާގެ 40 ޕަސެންޓާ ހަމައަށް ގަތުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ޙިއްޞާއަކަށް 30 ރުފިޔާގެ ރޭޓުން، އެންމެ ފުރަތަމަ ވިއްކަން ހުށަހަޅާފައި ވަނީ ދޫކޮށްފައިވާ އާންމު ޙިއްޞާގެ 15 ޕަސެންޓް ކަމުގައިވާ 22,170,060 ހިއްސާ ކަމަށް އުރީދޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފުރަރަމަ ވިއްކަން ކަނޑައަޅާފައިވާ އާންމު ޙިއްޞާގެ 15 ޕަސެންޓަށް ވުރެ ގިނަ ޙިއްޞާ ގަންނަން ހުށަހެޅުންތައް ލިބިއްޖެ ނަމަ، ގިނަވެގެން 40 ޕަސެންޓް ވިއްކާނެ ކަމަށް ވެސް އެ އެ ކުންފުނިން ބުންޏެވެ. އަދި އެއީ 59,120,160 އާންމު ޙިއްޞާ އެވެ.

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް، (http://ooredoo.mv/investors) ނުވަތަ މޯލްޑިވްސް ސެކިއުރިޓީޒް ޑެޕޮސިޓްރީގެ ވެބްސައިޓް (https://infinity.depository.mv) އަށް ޒިޔާރަތްކޮށްގެން އުރީދޫ މޯލްޑިވްސްގެ ޙިއްޞާ ގަންނަން ބޭނުންވާ ފަރާތްތަކުން، ކޮންމެ ވަގުތަކު ވެސް، ފަސޭހަކަމާ އެކު ޑެޕޮސިޓްރީ އެކައުންޓް ހުޅުވައި ހިއްސާ ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ކަލެކްޝަން ޕޮއިންޓްތައް ވަނީ ގާއިމުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓާތަކުގެ އިތުރުން، އުރީދޫ ބިޒްނަސް ޕާޓްނާ ޝޮޕްތަކާއި ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތަކާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތައް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން، ހުރިހާ ކަލެކްޝަން ޕޮއިންޓެއްގެ ފުރިހަމަ ލިސްޓެއް އުރީދޫ މޯލްޑިވްސްގެ ޕްރޮސްޕެކްޓަސްގެ، އެނެކްޝާ-ސީގައި ހިމެނިފައި ވާނެ ކަމަށް ވެސް ބުންޏެވެ. ޕްރޮސްޕެކްޓަސް އާއި އެޕްލިކޭޝަން ފޯމުގެ އިތުރުން އައިޕީއޯ އާއި ގުޅުން ހުރި އެހެނިހެން މައުލޫމާތުތައް އޮންލައިންކޮށް ހޯއްދެވުމަށް އުރީދޫގެ ވެބްސައިޓް އަށް ވަނުމުން ލިނޭނެ ކަމަށް ވެސް ބުންޏެވެ.

ހިއްސާ ގަތުމުގެ އެންމެ ފަހު ތާރީހަކަށް މިހާރު ކަނޑައަޅާފައި ވަނީ މި މަހު 28ގެ ނިޔަލަށް ކަމަށް އުރީދޫ އިން ބުންޏެވެ.