ވޮޝިންޓަން (މޭ 1) : ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ އާއި އެމެރިކާގެ ބައިވެރިން (އެލަޔަންސުން) އިރާގާއި ސޫރިޔާއަށް ދޭ ވައިގެ ހަމަލާތަކުގައި މަދުވެގެން އާންމުންގެ 352 މީހުން މަރުވެފައިވާ ކަމަށް އެމެރިކާ ބުނާއިރު މިއަދަދު 3000 އަށް ވުރެ މަތީގައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ހާމަކޮށްފި އެވެ.

އެލަޔަންސާ ގުޅިގެން މަސައްކަތްކުރާ އެމެރިކާގެ އަސްކަރީ ކޮމާންޑުން ބުނީ ފާއިތުވި އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް އިރާގާއި ސޫރިޔާއާ ފާއިތުވި ދެއަހަރު ތެރޭގައި އެލަޔަންސުން ދިން ހަމަލާތަކުގައި އެ ދެ ގައުމުގެ އާންމުންގެ ތެރެއިން މަދުވެގެން 352 މީހުން މަރުވިކަން ކަށަވަރު ވެފައިވާ އިރު މިއަށް ވުރެ ގިނަ އާންމުން ވެސް އެލަޔަންސްގެ ހަމަލާތަކުގައި މަރުވެފައި ވުމަކީ އެކަށީގެންވާ ކަމެއްކަމުގަ އެވެ.

އެމެރިކާއާއި އެމެރިކާގެ ބައިވެރިން އިރާގާއި ސޫރިޔާއަށްދޭ ހަމަލާތަކުގައި ފާއިތުވި ދެއަހަރު ތިންހާހަށް ވުރެ ގިނަ އާންމުން މަރުވެފައިވާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ މުސްތަގިއްލު ޖަމާއަތްތަކުގެ ރިޕޯޓްތައް ބުނެ އެވެ. މިގޮތުން ބައިނަލްއަގްވާމީ މޮނިޓަރިން ޖަމާއަތެއްކަމަށް އެއާވުޒްގެ ރިޕޯޓްތައް ބުނާގޮތުން ފާއިތުވި ދެ އަހަރު ތެރޭގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިންވަނީ އިރާގާއި ސޫރިޔާއަށް ހަމަލާދީ ތިންހާހަށް ވުރެ ގިނަ އާންމުން މަރާލައިފަ އެވެ.

ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާއާ ގުޅިފައި ވަނީ ޔޫރަޕްގެ ބޮޑެތި ބާރުތަކާއި އަރަބި ގައުމުތަކުގެ ތެރޭން ސައޫދީ އާއި ގަތަރާއި ޔުއޭއީ އާއި އުރުދުން އާއި މިސްރެވެ. ނަމަވެސް އެލަޔަންސުން އިރާގާއި ސޫރިޔާއަށް ފާއިތުވި ދެ އަހަރު ތެރޭގައި ވައިގެ 20،000 ހަމަލާ ދީފައިވާ އިރު މީގެ ތެރެއިން 90 ޕަސެންޓް ހަމަލާތައް ތަންފީޒުކޮށްފައި ވަނީ އެމެރިކާ ސިފައިންނެވެ.

ހަނގުރާމައިގާ ދޭ ހަމަލާތައް އާންމުންނަށް އަމާޒުކުރުމަކީ ވެސް އަދި އާންމުން މެރުމަކީ ވެސް ހަނގުރާމައިގެ ޖަރީމާއަކަށްވާއިރު މިއީ މިޖަރީމާތައް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ހިންގިކަމަށް އެމީހުން އަމިއްލައަށް ވެފައިވާ އިއުތިރާފެކެވެ. މީގެކުރިން ވެސް އެމެރިކާއާއި އެމެރިކާގެ ބައިވެރިންވަނީ އެމީހުންގެ ހަމަލާތަކުގައި އިސްލާމީ އެތަށް ގައުމެއްގެ އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރުވެފައިވާކަމަށް އަމިއްލައަށް އެއްބަސްވެފަ އެވެ. (އަލްޖަޒީރާ)