09 Jul 2011, 15:48
މާދަމާ ރޭ އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ޓީމް ނުކުނަ އިރު އަނިޔާގެ ސަބަބުން ކުރިން ސްކޮޑުން ބާކީކޮށްފައި ހުރި، ޓީމުގެ ކެޕްޓަން އަލީ އަޝްފާގް )ދަގަނޑޭ( ޓީމަށް އަލުން ނަގައި، މާދަމާ ރޭގެ މެޗްގައި ފެންނާނެ ކަމަށް ދިވެހި ޓީމްގެ ކޯޗް ބުނެފި އެވެ.
މިއަދު މެންދުރު ފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިވެހި ޤައުމީ ޓީމްގެ ކޯޗް ވިދާޅުވީ، ޓީމްގެ ސްކޮޑުގައި އަސްފާގް ހިމެނިގެން ދިޔުމަކީ ޓީމަށް ލިބުނު އިތުރު ކުރިއެރުމަކަށް ވީއިރު، އިތުރު ހައިރާން ކަމެއް ކަމަށެވެ.
"އަހަރެން އަސްފާގް ކުޅުމާ މެދު ހިތްހަމަޖެހޭ. މެޗްގައި އަސްފާގް ފެނުން ވަރަށް ކައިރި. ގިނަ ދުވަސްތަކެއް ވަންދެން އަސްފާގް ހުރީ ކުޅުމާ ދުރުގައި. މާދަމާ ރޭ މެޗުގެ ވަކި ހިސާބަކުން އަސްފާގް ކުޅެން އެރުމުގެ ފުރުސަތު އެބައޮތް. ފުލް 90 މިނެޓެއް އޭނާ އަކަށް ނުކުޅެވޭނެ" ޤައުމީ ކޯޗް ބުންޏެވެ.
ޤައުމީ ކޯޗްގެ އިތުތުން މިއަދުގެ ނިއުސްކޮންފަރެސްގައި ބައިވެރިވި ޓީމްގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) ވިދާޅުވީ، އަސްފާގް ސްކޮޑަށް ނެގީ، ސްކޮޑުގައި ތިބި އެއްވެސް ކުޅުންތެރިއެއް ބާކީ ނުކޮށް ކަމަށާއި އަސްފާގަށް ލިބިފައިވާ އަނިޔާއަކީ ކިހާވަރެއްގެ އަނިއާ އެއްތޯބަލާ، ޓީމްގެ ޑޮކްޓަރުގެ ވެސް ލަފާގެ މަތިން އަސްފާގަށް ކުޅެވޭނެ ކަމުގެ ޔަގީން ކަން ދިނުމުން ކަމަށެވެ.
"އަޝްފާގް އަޅުގަނޑުމެން ސްކޮޑަށް އިތުރުކޮށްފިން. މިކަމުގައި ދަގަނޑޭގެ އެކްސްރޭ އިން ދައްކައިފައި އިން އިންޖަރީއާ ގުޅޭގޮތުން ސްކޭނެއް ހެދުމަށްޓަކައި ޓީމުގެ ޑޮކްޓަރާ އެކު އިއްޔެ ކޮޅުބަށް ފޮނުވީ. ފްރެކްޗާގެ އިންޖަރީގެ އަލާމާތެއް ފެންނަން ނެތީމަ މެނޭޖްމަންޓް ސައިޑް އިން ކޯޗުގެ ލަފާގެ މަތިން ދަގަނޑޭ ސްކޮޑަށް އިތުރުކުރީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ޤައުމީ ޓީމްގެ ޑޮކްޓަރު ޝަކީބް ބުނީ ދަގަނޑޭގެ ފައިގައި ރެނދެއް ލައިފައިވާ ކަމަށް ކުރިން ބުނީ އޭރު ބެލި އެކްސްރޭތަކަށް ބެލުމަށް ފަހު ކަމަށާއި އެކަމަކު ބޯން ސްކޭނުން އެ ކަހަލަ އަނިޔާއެއް ނުދައްކާ ކަމަށް ވަނީ އެނގިފައި ކަމަށެވެ.
އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ޓީމް ނުކުންނަނީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭ ދެ މެޗަށް ތައްޔާރުވުމަށެވެ.
ރާއްޖެ އާއި އިންޑިއާ ކުޅުމަށް ހަމަޖެހިފައިވާ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ 9:00ގައި ގަލޮޅު ދަނޑުގަ އެވެ.