ރިޔާޒް (މޭ 01) : ޖަރުނަމުގެ ޗާނެސެލަރު އެންގެލާ މާކަލް ސައޫދީ އަރަބިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސިނާއަތާއި އަސްކަރީ ކަންކަމުގައި ދެގައުމު އެއްބާރުލުމާ ބެހޭ އެއްބަސްވުންތަކެއްގައި އެދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވައިފި އެވެ.

މިއެއްބަސްވުންތަކުގެ ތެރޭގައި ސިނާއީ އުފެއްދުންތަކުގެ ވަރުގަދަ އިންފްރާސްޓްރަކްޗާއެއްގައި ސައޫދީގައި ގާއިމް ކުރުމާއި ސައޫދީ ސިފައިންނާއި ފުލުހުންނަށް ތަމްރީންދިނުމާއި ބައެއް ބާވަތުގެ ހަތިޔާރު ސައޫދީގައި އުފެއްދުމުގެ އެއްބަސްވުންތައް ހިމެނޭ ކަމަށް ސައޫދީ ރަސްމީ ނޫސް އެޖެންސީ ޚަބަރު ދެ އެވެ.

ސިނާއީ އުފެއްދުންތަކުގެ އިންފްރާސްޓްރަކްޗާއެއް ބިނާކުރުމުގެ އެއްބަސްވުންތަކުގައި މަދަނީ ސިނާއަތު ސައޫދީގައި ތަރައްގީ ކުރުމަށް ޓަކައި ގިނަ އަދަދެއްގެ ކާރުޚާނާތައް ސައޫދީގައި ބިނާކޮށްދިނުމުގެ އެއްބަސްވުންތައް ހިމެނެ އެވެ. މިއެއްބަސްވުންތަކުގެ އަގު ތިރީސް ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށްވެ އެވެ. ސިނާއި އިންފްރާސްޓަރަކްޗާއެއް ސައޫދީގައި ބިނާކޮށް ކާރުޚާނާތައް ހިންގާނެ ފަންނީ މީހުން ތަމްރީން ކުރުމުން ސައޫދީން ބޭރަށް އެކްސްޕޯޓް ކުރެވޭ ބާވަތްތައް ވަރަށް ބޮޑަށް ގިނަވެ ބޭރު ފައިސާ ލިބުން އިތުރުވެގެންދާނެ ކަަމަށް އެގައުމުން ދެކެ އެެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްދިޔުމާ އެކު ސައޫދީ އަށް ކުރިންލިބުނު އާމްދަނީ ވަނީ 20 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިފައިސާ ސައޫދީން މިހާރު ހޯދަނީ ކުރިން ރައްކާކޮށްފައިވާ ރިޒާވުންނެވެ. ނަމަވެސް ކުރިޔަށްއޮތް ތިން އަހަރު ތެރޭގައި ފައިސާގެ ރިޒާވް ހުސްވާނެ ކަމަށް ބެލެވިފައިވާތީއާއި ތެލުގެ އަގު މީގެ ފަސްއަހަރު ކުރިން އޮތް ހާލަތަށް ދެން ދާނެކަމަށް ނުފެންނާތީ ސައޫދީ އިގްތިސާދަށްވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފަ އެވެ.

މިބަދަލުތަކުގެ ތެރޭގައި ބޭރުން އަގުބޮޑުކޮށް ގަންނަ ބައެއްތަކެތި ސައޫދީގެ އެތެރޭގައި އުފެއްދުމާއި ފަތުރުވެރިކަމަށް ސައޫދީ ރައްޔިތުން ކުރާ ބޮޑު ހޭދައިގެ ބައެއް ސައޫދީގެ އެތެރޭގައި ފަތުރުވެރިކަން ތަރައްގީކޮށްގެން ހުއްޓުވުން ހިމެނެ އެވެ. މިގޮތުން ހަތިޔާރާއި އެނޫން ވެސް ބައެއް ސިނާއަތު ސައޫދީގެ އެތެރޭގައި އުފެއްދުމަކީ ޚަރަދު ކުޑަވާނެކަމެއްކަމަށް އެގައުމުން ދެކެ އެވެ. މީގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓްތައް ސައޫދީގެ އިގްތިސާދު ހުޅުވާލުން ވެސް ސައޫދީ އަށް ގެންނަމުންދާ އިސލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެންގެލާ މާކަލް ސައޫދީ އަރަބިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެވަނީ އެގައުމުގެ ރަސްގެފާނު ސަލްމާން ރަސްގެފާނާ ބައްދަލުކުރައްވާފަ އެވެ. (އަލްޖަޒީރާ)