މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ދަންގަލް'ގައި އާމިރު ޚާންގެ ދެ އަންހެން ކުދިންގެ ރޯލުން ފެނިގެން ދިޔަ ފާތިމާ ސަނާ ޝެއިޚް އަދި ސާނިޔާ މަލޯތުރާގެ ދެމެދުގައި މައްސަލަ ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ސާނިޔާ އަދި ފާތިމާގެ ދެމެދު މައްސަލަ ޖެހުނީ އާމިރު އާއި ފާތިމާ މާބޮޑަށް ގާތް ކަމަށް ބުނެ ސާނިޔާ ވާހަކަ ދައްކަމުން އަންނާތީ އެވެ.

އެގޮތުން އާމިރު، ސާނިޔާ އަށް ވުރެ ބޮޑަށް ފާތިމާ އަށް ރަނގަޅަށް ކަންތައްތައް ކޮށްދޭ ކަމަށާއި، ފާތިމާގެ ކުރިއެރުމަށް އިސްކަން ދޭކަމަށް ސާނިޔާ ބުނެފައިވާ ކަމަށްވެ އެވެ.

ހަމަ އެއާ އެކު، 'ދަންގަލް'ގެ ޕްރޮޑަކްޝަން ހައުސް އިން ފާތިމާ އަށް އިތުރަށް ފައިސާ ދީފައިވާ ކަމަށް ވެސް ސާނިޔާ ތުހުމަތުކޮށްފައިވާ ކަމަށްވެ އެވެ.

ސާނިޔާ އާއި ފާތިމާގެ ދެމެދު މައްސަލަ ޖެހި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ޚަބަރުތައް ބުނަން ފަށާފައިވާ އިރު، އާމިރުގެ ކުރިއަށް އޮތް ފިލްމު 'ތަގްސް އޮފް ހިންދުސްތާން'ގައި ވެސް ފާތިމާ ހިމެނުމަށް އާމިރު ބޭނުންވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.