ބޮލީވުޑުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިކްރަމް އާއި ބަތަލާ ސުޝްމީތާ ސެންގެ ގުޅުމުގެ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ.

ވިކްރަމް ވަނީ ކައިވެނި ކޮށްގެން ހުރެ އެތައް އަންހެނުންނަކާ ލޯބީގެ ގޮތުން ގުޅިފަ އެވެ. އޭގެ ތެރޭގައި ސުޝްމީތާގެ އިތުރުން ބަތަލާ އަމީޝާ ޕަޓޭލް ވެސް ހިމެނެ އެވެ. ވިކްރަމްގެ އެ އުޅުމުގެ ސަބަބުން އެންމެ ފަހުން އޭނާގެ ކައިވެނި ވެސް ރޫޅުނީ އެވެ.

ކުރިން މުޅިން ވެސް އިވިފައި ވަނީ މީހުން ދައްކާ ވާހަކަތަކެވެ. ނަމަވެސް ވިކްރަމް މިވަނީ އަމިއްލަ އަށް އޭނާގެ ކައިވެންޏާއި، ލޯބިވެރިންގެ ވާހަކަ ހިއްސާ ކޮށްފަ އެވެ.

އޭނާގެ ފޮތް 'އަ ހޭންޑްފުލް އޮފް ސަންޝައިން' ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ވިކްރަމް ބުނީ އޭނާ އަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ މީހެއް ކަމަށާއި، އޭނާގެ ދިރިއުޅުން ބަނަވެގެން ގޮސް މީހާ ބަރުބާދުވީ އެންމެ ގުޅުމެއްގެ ސަބަބުން ނޫން ކަމަށެވެ.

ވިކްރަމް އާއި ސުޝްމީތާ އެކުގައި މަސައްކަތް ކުރީ އޭނާ ސްކްރިޕްޓު ކޮށް، މަހޭޝް ބަޓް ޑައިރެކްޓު ކުރި ފިލްމު 'ދަސްތަކް' ގަ އެވެ. އޭގެ ފަހުން ވިކްރަމް ވަނީ 'އަންކަހީ' ކިޔާ ފިލްމެއް ޑައިރެކްޓު ކޮށްފަ އެވެ. އަމީޝަ ލީޑު ރޯލުން ފެނިގެން ދިޔަ އެ ފިލްމަކީ ސުޝްމީތާ އާ ދެމީހުންގެ ގުޅުމުގެ މައްޗަށް އުފެއްދި ފިލްމެއް ކަމަށް ބެލެވެ އެވެ.

ވިކްރަމް ހިންގި ލޯބީގެ ގުޅުންތައް ވަރަށް ގިނަ އެވެ. ނަމަވެސް އޭނާގެ ކައިވެނި ރޫޅުނީ ސުޝްމީތާ އާ ލޯބީގެ ގޮތުން ގުޅުނު ހިސާބުންނެވެ. ކުޑައިރުގެ ލޯބިވެރިޔާ އަދިތީ އާ ދެމީހުންގެ ކައިވެނި ރޫޅުނު އިރު އެ ދެމީހުންނަށް ވަނީ އަންހެން ކުއްޖަކު ވެސް ލިބިފަ އެވެ.

ކައިވެނި ރޫޅި، އަނބިމީހާ އާއި ދަރިފުޅާ ވަކިވާން ޖެހުން ވެގެން ދިޔައީ އޭނާ އަށް ލިބުނު ކެތްކުރަން ދަތި ވޭނަކަށެވެ. ލިބުނު ހިތާމައިގެ ބޮޑު ކަމުން އަމިއްލަ ނަފުސަށް ގޯސްހަދަން ވެސް ވިސްނި ކަމަށް އޭނާ ބުންޏެވެ.

"އެއީ ސުޝްމީތާގެ ސަބަބުންނެއް ނޫން. އެއީ އަހަރެން އަމިއްލަ އަށް އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލެވުނީމަ. އަހަރެން ހުރީ ޑިޕްރެސް ވެފައި. ދަރިފުޅު މަތިން ވަރަށް ހަނދާންވި. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލެވުނީ،" ވިކްރަމް ބުންޏެވެ.

ވިކްރަމް ބުނީ އޭނާގެ އާއިލާ އަށް ދެވުނު ފުން ހިތާމަ އާމެދު އޭނާ ހިތާމަ ކުރާ ކަމަށާއި، އޭނާ އަކީ ފިނޑިއެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަހަރެން ހިތާމަ ކުރަން އަނބިމީހާ އަށާއި ދަރިފުޅަށް ދެވުނު އަނިޔާ އާމެދު. އެމީހުން އެކަނިކޮށްލެވުނީމަ. އަހަރެން ހިތާމަ ކުރަން ހިތްވަރު ކުރަން ޖެހުނު ވަގުތު ފިނޑިއަކަށް ވެވުނީމަ. އަހަރެން ފިނޑި އަކަށް ނުވި ނަމަ، ކަންކަން ތަފާތުކޮށް ދިޔައީސް،" އޭނާ ބުންޏެވެ.

ސުޝްމީތާ އާއި އަމީޝާ އާ އެކު ވިކްރަމް ކުރިއަށް ގެންދިޔަ ގުޅުމުގެ ވާހަކަ އެންމެނަށް އެނގުނު ނަމަވެސް، އެއީ އޭނާ ސީރިއަސްކޮށް ކުރި ކަމެއް ނޫން ކަމަށް ވިކްރަމް ވަނީ އެއްބަސްވެފަ އެވެ. ވިކްރަމް ބުނީ އެ ދެމީހުންނާ ވެސް ކައިވެނި ކުރުމުގެ ކުޑަ ވެސް ވިސްނުމެއް ނެތް ކަމަށެވެ.

ވިކްރަމް ބުނީ ހަޔާތުގައި ދިމާވި ކޮންމެ ކަމަކުން ވެސް އޭނާ އަށް ފިލާވަޅުތަކެއް ދަސްވި ކަމަށެވެ.

ލޯންޗު ކުރި ފޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވިކްރަމް ބުނީ އެ ފޮތަކީ ހަގީގީ ވާހަކަތަކެއްގެ މައްޗަށް ލިޔެފައިވާ ފޮތެއް ނަމަވެސް، ސުޝްމީތާ އާއި އަމީޝާ އާގުޅޭ އެއްވެސް ވާހަކައެއް ނުހިމެނޭނެ ކަމަށެވެ.