01 May 2017, 10:03
ސާޖިދު ޚާންގެ ފިލްމު 'ހައުސްފުލް'ގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.
'ހައުސްފުލް' އަކީ ފްރެންޗައިޒް އެކެވެ. މިހާތަނަށް އެ ފްރެންޗައިޒްގެ ތިން ފިލްމެއް ބެލުންތެރިންނާ ހަމައަށް ވަނީ އައިސްފަ އެވެ. 'ހައުސްފުލް 3' ރިލީޒް ކުރީ މިދިޔަ އަހަރު އެވެ.
'ހައުސްފުލް' ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. ފިލްމު ރިލީޒް ކުރިތާ ހަތް އަހަރު ވުމުން، 'ހައުސްފުލް'ގެ ތިން ފިލްމުން ވެސް ފެނިގެން ދިޔަ ރިތޭޝް ދޭޝްމުކް ވަނީ ހަތަރު ވަނަ ފިލްމެއްގެ އިންތިޒާރުގައި ހުރި ކަމަށް ބުނެ ޓުވީޓެއް ކޮށްފަ އެވެ.
އެ ޓުވީޓަށް ޖަވާބު ދެމުން ސާޖިދު ވަނީ ހަތަރު ވަނަ ފިލްމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު ހާމަކޮށްފައެއް ނުވެ އެވެ.
'ހައުސްފުލް'ގެ ފުރަތަމަ ބައިން ފެނިގެން ގޮސްފައި ވަނީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، ދީޕިކާ ޕަދުކޯން، އަރްޖުން ރާމްޕާލް، ލާރާ ދައްތާ، ޖިއާ ޚާން އަދި ބޮމަން އިރާނީ އެވެ.
'ހައުސްފުލް 2' އަދި 'ހައުސްފުލް 3' އިން ފެނިގެން ދިޔައީ އަކްޝޭ އާއި ރިތޭޝްގެ އިތުރުން، އާސިން، ޖެކްލީން ފާނަންޑޭޒް، ޒަރީން ޚާން، ޝްރެޔާސް ތަލްޕާޑޭ، ޖޯން އަބްރަހަމް، މިތުން ޗަކްރަބޯޓީ، އަބީޝެން ބައްޗަން، ލީސާ ހޭޑަން އަދި ނަރްގިސް ފަޚްރީ އެވެ.
'ހައުސްފުލް' ފްރެންޗައިޒްގެ ކުރިން އަކްޝޭ އާއި ރިތޭޝް ވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި ސާޖިދުގެ ކޮމެޑީ ފިލްމު 'ހޭ ބޭބީ'ގައި ވެސް މަސައްކަތް ކޮށްފަ އެވެ.