ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ރޭ ގްރޫޕް ސީގެ ދެ މެޗް ކުޅުނު އިރު، ފުރަތަމަ މެޗްގައި އުރުގުއޭ އާއި ޗިލީ ބައްދަލު ކުރިމެޗް 1-1 ލަނޑުން ދެ ޓީމް އެއް ވަރުވެ ކުއާޓަފައިނަލްގެ ފުރުސަތު ޗިލީން ބޮޑު ކުރިއިރު، ރޭ ކުޅުނު ދެ ވަނަ މެޗް ކާމިޔާބުކޮށް ޕެރޫ ވެސް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށް ހިތްހަމަ ޖެހިލައިފި އެވެ.

އުރުގުއޭ އާއި ޗިލީ ރޭ ރާއްޖޭ ގަޑިން ދަންވަރު 3:15 ގައި ކުޅުނު މެޗުގެ ފުރަތަމަ ލީޑްނަގައި އުރުގުއޭ އިން ވަނީ ލީޑް ނަގައިފަ އެވެ. މެޗްގެ ދެ ވަނަ ހާފްގެ 54 ވަނަ މިނެޓުގައި އުރުގުއޭގެ އަލްވާރޯ ކާމިޔާބު ކޮށްދިން ލަޑާ އެކު ޓީމް ވަނީ ހިތްހަމަ ޖެހިލައިފަ އެވެ. އެހެންނަމަވެސް މެޗުން ބަލިވެއްޖެ ނަމަ ކުއާޓާފައިނަލް ކުޅުމުގެ ފުރުސަތު ގެއްލޭނެ ކަންކަށަވަރު ވެފައިވާ ޗިލީއަށް ހިތްހަމަޖެހުން ގެނެސް ދިނީ މެޗްގެ 65 ވަނަ މިނެޓުގައި އެ ޓީމްގެ ހުނަރުވެރި މިޑްފީލްޑަރު އެލެކްސިސް ސަންޗޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިގްރޫޕްގައި ރޭ ރާއްޖޭ ގަޑިން ފަތިހު 5:45ގައި ކުޅުނު ދެ ވަނަ މެޗް މެކްސިކޯއާއި ވާދަކޮށް ޕެރޫ ވަނީ 1-0 މޮޅުވެ، ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފަ އެވެ. މެކްސިކޯ ކޮޅަށް ޕެރޫއިން ޖެހި އެޓީމްގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗްގެ ދެވަނަ ހާފްގެ 83 ވަނަ މިނެޓުގެ ތެރޭގައި ފޯވަޑް ޕައޮލޯ ގުއެރޭރޯގެ ފަރާތުން ނެވެ.
ޖުމްލަ ތިން ގްރޫޕް ވާދަކުރާ މިމުބާރާތުގެ ގުރޫޕް ސީގައި ކޮންމެ ޓީމެއް ވެސް ދެ މެޗު ނިމުނު އިރު، ކުއާޓަގެ ފުރުސަތު ބޮޑުކޮށްފައިވާ ޗިލީ އާއި ޕެރޫ އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަ ގްރޫޕްގެ އެންމެ ކުރީގައެވެ. އެގޮތުން ކޮންމެ ޓީމަކަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

މުބާރަތުގެ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އާއި ދެވަނަ އަށް ކުއާޓާ ފައިނަލުގެ ޖާގަ ލިބޭ މިމުބާރާތުގެ ތިން ގުރޫޕުން ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ވެސް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ.

މިމުބާރަތުގައި މިރޭވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، އެއީ ގްރޫޕް ބީ ގެ ދެމެޗެވެ. ފުރަތަމަ މެޗުގައި ރާއްޖޭ ގަޑިން މިރޭ 12:00 ގައި ބައްދަލުކުރާނީ ބްރެޒިލް އާއި ޕެރަގުއޭ އެވެ. ދެ ވަނަ މެޗްގައި ރާއްޖެގަޑިން 2:30 ގައި ބައްދަލުކުރާ ދެޓީމަކީ ވެނެޒިއުލާ އާއި އިކުއެޑޯ އެވެ.