އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓުކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ވޯޓު ފޮއްޓާއި ވޯޓިންގ ބޫތު ފޮނުވައިނިމިފައިވާ ކަމަށެވެ. އިންތިޚާބުގައި ބޭނުންކުރާ އެހެނިހެން ތަކެތި މިހާތަނަށް އައިއިރު ނ، ރ، ބ، ޅ، އއ، ވ، މ، ފ، ދ، ތ، ގއ އަދި ގދ އަތޮޅަށް ވަނީ ފޮނުވާފައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ވޯޓުކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދު ފެށިއިރު، މި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަތޮޅުތަކުގައި ހަރަކާތްތެރިވާ ފުލުހުންވެސް ދަނީ އެ ރަށްތަކަށް ދަތުރު ކުރަމުންނެވެ.

ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 422 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު 255987 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.