އަނިޔާވެރި ގޮތަކަށް މަރާލާލި، ވ. ރަކީދޫ، ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ހަތަރު މީހެއްގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި އެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުގެ ފަސް ފަރާތެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެހެން ނަމަވެސް ގދ. ފިޔޯރީ ބީޗްވިލާ އަހުމަދު ، މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ޝަރީއަތުން ވަނީ ނިންމާފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވަނީ، ވ. ފުލިދޫ، ނަލަހިޔާ، އާމިނަތު ޝިޔާޒާ އާއި، ގއ. ދެއްވަދޫ، ނަސްރީނުގޭ، މުހައްމަދު ރަޝީދު އާއި ފ. ފީއަލި، ގުލްއަލާމާގޭ، މުހައްމަދު ޝަކީބުގެ އިތުރުން ބ. އޭދަފުށީ، މާބަގީޗާގޭ، ލިސާން އަބޫބަކުރުގެ މައްޗަށް އުުފުލާފައިވާ ދައުވާ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވެފައިވަނީ އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމައިފި ނަމަ ހެކި ހުށަހެޅުމާއި، ތަފްސީލީ ގޮތެއްގައި ވާހަކަދެއްކުން އޮންނާނެ ކަމަށެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން ހުށަހެޅުމަށް ގިނަގުނަ ކިތާބީ ހެކި ހުރުމުން ލިޔުމުން ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެދުމުން އެ ފުރުސަތު ވަނީ ޝަރީއަތުން ދެއްވާފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ޝިޔާޒާގެ ފަރާތުން އޭނާގެ ވަކީލުވަނީ، ޝިޔާޒާގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާން ލިބިފައި ނުވާކަމަށް ބުނެ އެކަން ފާހަގަކޮށްފަ އެވެ. އަދި އެ ދެ ލިޔުމަކީ ޝަރީއަތް ކުރިއަށް ގެންދިއުމަށް މުހިއްމު ލިޔުމެއް ކަމަށް ފާހަގަ ކުރި ނަމަވެސް، ގާޒީ ވިދާޅުވީ، އެ ދެ ލިޔުމަކީ ދިފާއުވާން ހުށަހަޅަން ޖެހޭ ލިޔުމެއް ކަމަށް ފެންނަ ނަމަ އަމިއްލައަށް ހޯދަން ޖެހޭނެ އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލަ ބައްލަވާ ގާޒީ، އަހްމަދު ޝަކީލު އަޑުއެހުން ނިންމާލަމުން ވިދާޅުވީ، ދެން އެ މައްސަލައިގެ ޝަރީއަތެއް އޮންނާނީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ހެކި ހުށަހެޅުމާއި ހެއްކާ ބެހޭ ގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދެއްކުން ކަމަށެވެ.