30 Apr 2017, 18:26
މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް 61 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
މިއަދު އާންމުކޮށްފައިވާ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ފައިދާއަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާގެ އަދަދު ވަނީ 15 ޕަސެންޓު އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ފައިދާގެ އަދަދަކީ 53 މިލިއަން ރުފިޔާއެވެ.
އެކުންފުނީގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓާ އެކު މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމު ކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގައި މައުލޫމާތު ދެއްވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ 2004 އިން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރުވެސް ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބެމުން އައީ 114 މިލިއަން ރުފިޔާގައި ކަމަށެވެ، ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ފައިދާ އަހަރުން އަހަރަށް ބަލާއިރު އުޅެނީ 400 މިލިއަނަށްވުރެ މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވި ގޮތުގައި 2012 ވަނަ އަހަރު އެސްޓީއޯގެ ކަރަންޓް ޑެފިސިޓް ހުރީ 463 މިލިއަން ރުފިޔާގައެވެ. 2013 ވަނަ އަހަރު އެ ފިގާ ހުރީ 567 މިލިއަން ރުފިޔާގައެވެ.
"އެ ސަބަބުތަކަށްޓަކައި ހުރެ އެ އަހަރު އަޅުގަނޑުމެންގެ ފައިދާ ވާނީ ވަކި ހިސާބެއްގަ ހިފެހެއްޓޭތޯ މަސައްކަތްކޮށްފަ. އަޅުގަނޑުމެންނަށް އޭރު މަޖުބޫރުވީ އަޅުގަނޑުމެންގެ ކުންފުނިން ސަޕްލަޔަރުންނަށް ދައްކަން ހުރި ފައިސާ ދައްކަން،" ޝަހީރު ވިދާޅުވިއެވެ.
ދެހާސް ބާރަ ވަނަ އަހަރު އެކަނިވެސް ތެޔޮ ބިލްތަކަށް ދައްކަން ޖެހޭ 129 މިލިއަން ޑޮލަރާއި އެހެނިހެން ބިލްތަކަށް ދައްކަން ޖެހޭ 30 މިލިއަން ޑޮލަރު ހުރި ކަމަށް ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ އެގޮތަށް ދައްކަން ޖެހުނު ބިލްތަކާ ހުރެ ކުންފުނީގެ ފައިދާ ވަކި ވަރެއްގައި ހިފަހައްޓަން މަޖުބޫރުވި ކަމަށެވެ.
ކުންފުނީގެ މައިގަނޑު މަގްސަދަކީ އާންމު ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ އަގުތައް އެފަރާތްތަކަށް ލުއި ފަސޭހަ ވާނެ ގޮތަކަށް ބެހެއްޓުން ކަން ފާހަގަ ކުރައްވަމުން ޝަހީރު ވިދާޅުވީ 2014 ވަނަ އަހަރު، އެސްޓީއޯގެ އަގުތައް ހުރި ގޮތުން އާންމު ރައްޔިތުންނަށް ކޯސްޓް ސޭވިންއެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ޕާސްކޮށްފައިވާނެ ކަމަށެވެ. އަދި 2015 ވަނަ އަހަރު 131 މިލިއަން ރުފިޔާގެ ކޯސްޓް ސޭވިންއެއް ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ކޯސްޓް ސޭވިންގެ ގޮތުގައި 279 މިލިއަން ރުފިޔާ ޕާސްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި 279 މިލިއަންގެ ތެރެއިން ބޮޑު ބަޔަކީ ތެލުގެ އަގު ކުޑަކުރުން. ތެލުގެ އަގު ކުޑަކުރެވިގެން ދިޔަ އިރު ކަރަންޓު ބިލްތަކާއި އަޅުގަނޑުމެންގެ ޑިސްޓްރިބިއުޓަރުންނަށްވެސް ފައިދާއެއް ކުރާނެ،" ޝަހީރު ވިދާޅުވިއެވެ.
އެސްޓީއޯއަށް ނިމިދިޔަ 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 301.5 މިލިޔަން ރުފިޔާ އެވެ. މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ 2015 ވަނަ އަހަރުގެ އާންމު ޖަލްސާގައި، ހިއްސާއަކަށް 57 ރުފިޔާ ބަހަން ނިންމި އިރު ނިމިދިޔަ 2016 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހަން ނިންމާފައިވަނީ 51 ރުފިޔާއެވެ.
އެސްޓީއޯއަކީ ދައުލަތުގެ 81.63 ޕަސަންޓު ހިއްސާ، އަދި އާންމުންގެ 18.37 ޕަސަންޓު ހިއްސާ އޮންނަ، ދައުލަތުގެ ވިޔަފާރި ކުންފުންޏެވެ.