މެކްސިކޯގައި މިހާރު ކުރިޔަށްދާ ފީފާ 17 އަހަރުން ދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މެކްސިކޯ އާއި އުރުގުއާއީ ދަތުރު ކޮށްފި އެވެ.

އުރުގު އާއި ފައިނަލަށް ދިޔައީ އިއްޔެ ކުޅުނު ސެމީ ފައިނަލްގައި ފުޓްބޯޅައިގެ ގަދަފަދަ ބާރުކަމަށްވާ މަޝްހޫރު ބްރެޒިލްގެ މައްޗަށް 0-3 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗުގައި އުރުގުއާއި އަށް ފުރަތަމަ ލަނޑު ޖަހައިދިނީ 20 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އެލްބިއޯ އަލްވަރޭޒް އެވެ. ދެވަނަ ލަނޑު ހުއާން ސަން މާޓިން ކާމިޔާބް ކޮށްދީފައި ވަނީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ. އުރުގުއާއިގެ ފަހުލަނޑު އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ޖަހައިދިނީ ގިލަމޯ މެންޑޭޒް އެވެ.

މެކްސިކޯ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އިއްޔެ ޖަރުމަނު 3-2 އިން ބަލިކުރުމަށްފަހު އެވެ. މިމެޗުގެ ފުރަތަމަ ލަނޑު 3 ވަނަ މިނިޓްގައި މެކްސިކޯއަށް ކާމިޔާބު ކޮށްދިނީ ހޫލިއޯ ގޯމޭޒް އެވެ. އޭގެ 7 މިނޓް ފަހުން ޖަރުމަނުގެ ސަމަޑް ޔެސިލްވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި 60 ވަނަ މިނިޓްގައި އެމްރި ކެން ލަނޑެއް ކާމިޔާބު ކޮށް ޖަރުމަނަށް ލީޑް ނަގައިދިނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެކްސިކޯ އިން ނަތީޖާ ހަމަހަމަ ކުރީ ޖޯޖް އެސްޕެރިކުއެޓާ 76 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މެޗުގެ ފަހު މިނިޓްގައި ޖަރުމަން ޓީމް ރޮށްވާލުމަށް ފަހު ފައިނަލްގެ ޖާގަ މެކްސިކޯ ކަށަވަރު ކުރީ ފުރަތަމަ ލަނޑު ޖަހައިދިން ހޫލިއޯ ގޯމޭޒް ޖަރުމަން ގޯލް ދާގަނޑުގައި ބޯޅަ ތަތްކޮށްލާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލު ކޮށްލުމުންނެވެ.
މުބާރަތުގެ ފައިނަލް މެޗުގެ ކުޅުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 ޖަހާއިރުއެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ހަމަ އެދުވަހުގެ މެންދުރު 1:00 ގައި ބްރެޒިލް އާއި ޖަރުމަން ބައްދަލު ކުރާނެ އެވެ.