30 Apr 2017, 14:34
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެއްހެއްޓުމަށް ފުލުހުންގެ ޓީމުތައް އަތޮޅުތަކަށް ފުރަން ފަށައިފި އެވެ.
ވޯޓު ކަރުދާސްތަކާއެކު މިއަދު ހެނދުނު އަތޮޅުތަކަށް ފުލުހުން ދަތުރު ފަށާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހޯމަ ދުވަހުގެ ނިޔަލަށް އަތޮޅުތަކަށް ދާން ޖެހޭ ފުލުހުން ގޮސް ނިމޭނެ ކަމަށެވެ.
ފުލުހުންގެ މަރުކަޒުތައް މިހާރު ގާއިމްކޮށްފައިވާ ރަށްރަށުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
"ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ރަށްރަށަށް ދިއުމަށްޓަކައި ފުލުހުންގެ ޓީމެއް ކޮންމެ ޑިވިޜަނެއްގައި ވަނީ ޤާއިމްކޮށްފަ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ތައްޔާރަށް ތިބި ކަމަށެވެ.