09 Jul 2011, 14:08
ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްގައި ނިޔާވި ގދ. މަޑަވެލީ މުހައްމަދު ވަހީދު ހަސަން،62، އަށް ޖެހިފައި ވަނީ ޑެންގީ ހުން ނޫން ކަމަށާއި އޭނާ ނިޔާވި ކަމަށް ބެލެވެނީ ލޭގެ ކެންސަރު ފަދަ ބައްޔަކުން ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ޑެންގީ ޓާސްކް ފޯސް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އައިޖީއެމްއެޗް ހިންގެވުމާ ހަވާލުވެ ހުންނެވި، ޑޮކްޓަރު އަލީ ލަތީފު މިއަދު ވިދާޅުވީ މުހައްމަދު ވަހީދު އެޑްމިޓްކުރީ ހުން އައިސްގެން ކަމަށާއި އެހެންވެ އޭނާގެ އިނިޝަލް ޑައިގްނޯސިސްއެއްގެ ގޮތުގައި ޑެންގީ ހުން ކަމަށް ބުނީ އެފަދަ އަލާމާތްތަކެއް ހުރީމާ ކަމަށެވެ. ނަމަވެސް އޭނާގެ ފައިނަލް ޑަޔަގްނޯސިސްއަކީ "ހެމަޓޮލޮޖިކަލް މެލިގްނެންސީ" ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ލަތީފު ވިދާޅުވީ އޭނާ އެޑްމިޓްކޮށްގެން ހެދި ޓެސްޓްތަކުން އެއީ ޑެންގީ ނޫން އެހެން ބައްޔެއް ކަމަށް ޝައްކުކުރެވުނު ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުގައި ބައެއް ޓެސްޓްތައް ނުހެދޭތީ އެއީ ސީދާ ކޮން ބައްޔެއްކަން ޔަގީން ކުރެވިފައި ނުވާ ކަމަށް ޑރ. ލަތީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން އައިޖީއެމްގައި ބައެއް ޓެސްޓްތައް ހެދެން ނެތްކަން. އެގޮތުން ބޯންމެރޯގެ ޓެސްޓް ހެދުން ފަދަ ކަންތައްތައް އަޅުގަނޑުމެންނަށް އެންމެ ފުރިހަމައަކަށް ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން އިރުޝާދު ދިނިން ޕޭޝަންޓް ބޭރަށް ގެންދަން. އަދި އެކަމަށް ބޭނުންވާ ލިއުން ވެސް އަޅުގަނޑުމެން ދިނިން." ޑރ. ލަތީފު ވިދާޅުވި އެވެ.
ބަލިމީހާ ބޭރަށް ގެންދަން ލިއުން ދިން ނަމަވެސް އޭނާ އޮތީ ބޭރަށް ގެންދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ޑރ. ލަތީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަލިމީހާ ބޭރަށް ގެންގޮސްގެން ޓެސްޓް ކުރަންޖެހޭ ކަމުގެ އިރުޝާދުދީފައިވާ ލިއުން އޭނާ ނިޔާވުމުގެ ދެ ދުވަހެއް ވަރު ކުރިން ޑރ. ދީފައިވާ ކަމަށެވެ.
ޑެންގީހުން ކަމަށް ބެލެވެނީ ހުންއައިސް "ޕްލެޓެޓް ކައުންޓް" ދަށް ވުމާ އެކު ލޭގެ ބައެއް އެހެން މާއްދާތައް މައްޗަށް ދިއުން ފަދަ ތަފާތު އެތައް ކަމަކުން ކަމަށާއި ޑެންގީއަށް ދޭ ފަރުވާއަކީ އެއީ ޕެރަޝެޓްމޯލާއި އައިވީ ދިނުން ކަމަށް ވެސް ޑރ. އަލީ ލަތީފު ވިދާޅުވި އެވެ.
ނަމަވެސް ވަހީދުގެ ދަރިކަލުން ވީޓީވީގެ ޑެޕިއުޓީ ސީއީއޯ ޝިހާމް މުހައްމަދު ވަހީދު މިއަދު ވިދާޅުވީ އޭނާގެ ބައްޕަ ނިޔާވުމާ ހަމައަށް ވެސް އެފަދަ މައުލޫމާތެއް އައިޖީއެމްއެޗުން ދީފައި ނުވާ ކަމަށެވެ. އަދި އައިޖީއެމްއެޗުން މިއަދު ދައްކާފައި އެވާ ވާހަކަތަކަކީ ކަމުގެ ހަގީގަތް ފޮރުވުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ކައިރީގައި ކުރިން ބުނަން ވާނެ ނޫންތޯ ކެންސަރު ފަދަ ކަމަކަށް ޝައްކުކުރެވެންޏާ ކުރެވޭ ވާހަކަ. ޑެތް ފޯމް ]މަރުފޯމް[ ފުރުމާ ހަމަ އަށް ވެސް އެފަދަ ވާހަކައެއް ބުނެފައެއް ނެތް ]ބުނެފައެއް[،" ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާގެ ބައްޕަ ނިޔާވި ހާދިސާގެ ހަގީގަތް އައިޖީއެމްއެޗުން ހާމަ ކުރަން ވާނެ ކަމަށެވެ. އަދި އެކަން ނުކޮށްފިއްޔާ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ވަކި އޭނާގެ ބައްޕަ ވީމާ ނޫން ކަމަށާއި އެހެން މީހުންނަށް ވެސް އެފަދަ ގޮތެއް ދިމާވާން އެދިވަޑައި ނުގަންނަވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިހާމް އިތުރަށް ވިދާޅުވީ އޭނާގެ ބައްޕަ ނިޔާވި ސަބަބަކާ ބެހޭ ގޮތުން އާއިލާ އިން އެއްވެސް ވާހަކައެއް ނުދައްކާ އިރު އައިޖީއެމް އެޗުން ކުއްލިއަކަށް ނޫސް ކޮންފަރެންސެއް ބާއްވައިގެން އެ ވާހަކަ ދެއްކީމާ ބޮޑު ހައިރާން ކަމެއް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ހައިރާންވި އަޅުގަނޑުމެން އެ ވާހަކަ ނުދައްކައި ތިއްބައި ކުއްލިއަކަށް އަރައި އެކޭސްއާ ބެހޭ ގޮތުން ]އައިޖީއެމްއެޗުން[ ވާހަކަ ދެއްކީމާ." ޝިހާމް ވިދާޅުވި އެވެ.
ޝިހާމް ރޭ ވިދާޅުވީ ބައްޕަ ހޮސްޕިޓަލަށް ގެންދިޔައީ ޑެންގީ ޖެހިގެން ކަމަށާއި ހޮސްޕިޓަލުގައި އިތުރު ބައްޔަކަށް ބައްޕައަށް ފަރުވާ ދީފައި ނުވާ ކަމަށެވެ