30 Apr 2017, 09:21
ތަމަޅަ ފިލްމު 'ބާހުބަލީ 2: ދަ ކޮންކްލޫޝަން' ރިލީޒް ކުރި ފުރަތަމަ ދުވަހު އެ ފިލްމަށް އިންޑިއާގައި 125 ކުރޯޑު ރުޕީޒްގެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ބޮޑު ބަޖެޓަކުން އުފެއްދި އެ ފިލްމު އިންޑިއާގެ 6500 އަށް ވުރެ ގިނަ ސްކްރީންތަކުގައި އަޅުވާފައި ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތައް ހިމެނޭ ގޮތުން 9000 އަށް ވުރެ ގިނަ ސްކްރީން ގައި ފިލްމު ވަނީ އަޅުވައިފަ އެވެ.
ޓްރޭޑް އެނަލިސްޓުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، އެސްއެސް ރާޖާމައުލީގެ 'ބާހުބަލީ 2' ފުރަތަމަ ދުވަހު 100 ކުރޯރުގެ އާމްދަނީ އެއް ހޯދާނަ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.
ފުރަތަމަ ދުވަހު ފިލްމަށް އެންމެ މޮޑު ތަރުހީބެއް ލިބިފައި ވަނީ އަންދްރަ ޕްރަދޭޝް އިންނެވެ. އެއީ 53 ކުރޯޑު ރުޕީޒް އެވެ. ޗެންނާއި، ޓަމިލް ނާޑޫގައި ދައްކަން ހަމަޖެހުނު ބައެއް ޝޯތައް ކެންސަލްވި ނަމަވެސް، އެ ހިސާބުތަކުން ވެސް ފިލްމަށް ވަނީ 14 ކުރޯޑު ލިބިފަ އެވެ.
އޭގެ އިތުރުން ހިންދީ ބަހުން ޑަބް ކޮށްފައިވާ ފިލްމަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
ކާނިވަލް ސިނަމާގެ ސީއީއޯ އަދި ޑިރެކްޓަރު ޕީވީ ސުނިލް ބުނެފައި ވަނީ މިއީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު ކަމަށެވެ. 'ބާހުބަލީ 2' މިހާރު ވަނީ ގިނަ ރެކޯޑުތަކެއް ވެސް މުގުރާލައިފަ އެވެ.
އިންޑިއާގެ ހުރިހާ ހިސާބެއްގައި ވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ބެންގަލޫރޫގައި ފަތިހު 5:30 އިން ފެށިގެން ވެސް ޝޯތައް އަންނަނީ ދައްކަމުންނެވެ. އަދި ގިނަ ސިނަމާތައް ވަނީ ހައުސްފުލް ވެފަ އެވެ.
އޮންލައިންކޮށް ވެސް ކޮންމެ ސިކުންތަކު 12 ޓިކެޓު ވިކެމުން އަންނަ ކަމަށް ބުކްމައިޝޯ އިން ހާމަކޮށްފައިވާ އިރު، މިހާތަނަށް އޮންލައިންކޮށް 3.3 މިލިއަން ޓިކެޓު ވަނީ ވިއްކައިފަ އެވެ.
އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ފިލްމު ދައްކަމުން އަންނަ އިރު، އެހެން ގައުމުތައް ހިމަނައިގެން ބަލާއިރު، އެ ފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ 217 ކުރޯރަށް އަރަ އެވެ.
'ބާހުބަލީ 2' މިވަނީ ހިންދީ ބަހުން ނެރުނު އާމިރު ޚާންގެ 'ދަންގަލް' އަދި ސަލްމާން ޚާންގެ 'ސުލްތާން' ވެސް ފަހަތަށް ޖައްސާލައިފަ އެވެ.
'ބާހުބަލީ2' އިން ފެނިގެން ދާނީ ޕްރަބާސް، ރަނާ ޑައްގޫބަތީ، އަނުޝްކާ ޝެޓީ، ރާމަޔާ ކްރިޝްނަން، ތަމަންނާ އަދި ސަތިޔަރާޖް އެވެ.