ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ އެންމެ ދުވަސްވީ ކުންފުނި ކަމަށްވާ، ދިރާގުން އަލަށް ތައާރަފްކުރި، (އައިޕީޓީވީ)ގެ ޚިދުމަތް އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ލިބޭނޭކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ، 30 އޭޕްރީލް 2017، އާދީއްތަ ދުވަހު (މާދަމާ) މުޅި ރާއްޖެއަށް އެ ކުންފުނީގެ ޓީވީގެ ޚިދުމަތް ދޭންފަށާއިރު، ފުރަތަމަ ތައާރަފްކުރާ، 300 ރުފިޔާގެ މަހުފީ ދައްކަން ޖެހޭ "އިންޓްރޯ ޕެކް"ގެ ޚިދުމަތަށް އެދޭ ފަރާތްތަަކުގެ ތެރެއިން އެންމެ ފުރަތަމަ، ސަބްސްކްރައިބް ކުރާ 15،00 ފަރާތަކަށް އެއް މަހުގެ ފީ ހިލޭކޮށްދިނުމުގެ އިތުރުން، ޚިދުމަތް ލިބުގަތުމަށް ބޭނުންވާ ޖޯއީބޮކްސް އާއި ކަނެކްޝަންވެސް ހިލޭ ލިބޭނޭ ކަމަށެެވެ. އެހެން ނަމަވެސް މި ޕްރޮމޯޝަން ކުރިއަށް ދާނީ، މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ.

ހައިޑެފިނިޝަން ނުވަތަ އެޗްޑީ ކޮލިޓީގެ ކޮންޓެންޓް ހިމެނޭގޮތަށް، "ދިރާގު ޓީވީ"ގެ ނަމުގައި ދިރާގުން ރާއްޖެއަށް އައިޕީޓީވީ ޚިދުމަތް ރަސްމީކޮށް ތައާރަފްކުރީ މިދިޔަ އަންގާރަދުވަހުއެވެ.

ޓެރެސްޓްރިއަލް، ސެޓަލައިޓް ސިގްނަލް އަދި ކޭބަލް ޓީވީއާ ޚިލާފަށް، އިންޓަނެޓް ޕްރޮޓޮކޯލްގެ ސިގްނަލް ބޭނުންކޮށްގެން ޓެލެވިޜަން ކޮންޓެންޓް ފޯރުކޮށްދޭ ޚިދުމަތެކެވެ. ޑައުންލޯޑު ކޮށްފައިވާ މީޑިއާއާ ޚިލާފަށް އައިޕީޓީވީން ޓީވީ ޗެނަލްތައް ވަގުތުން ސްޓްރީމް ކުރެވެއެވެ.

ދިރާގުން ބުނީ، "ދިރާގު ޓީވީ"ގެ ޚިދުމަތް މާދަމާ މުޅިރާއްޖެއަށް ފޯރުކޮށްދޭން ފަށާއިރު، ފުރަތަމަ ތައާރަފްކުރާ ޕެކޭޖްގައި ހިމެނޭނީ 60 ޗެނަލް ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތާނގައި އިތުރު ޗެނަލްތައް ތައާރަފްކުރަމުން ގެންދާނޭ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެކި އުމުރުފުރައަށް، އަދި ތަފާތު ކަސްޓަމަރ ސެގްމެޓްތަކަށް ޚާއްސަކޮށްގެ އާ ޗެނަލްތައް، ޚިދުމަތް ދޭންފަށާތާ މަހެއްހާ ދުވަހުގެ ތެރޭގައިތައާރަފްކުރާން ފަށާނޭކަަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގުގެ އައިޕީޓީވީ ޚިދުމަތަށް ރެޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ދިރާގުން ބުނީ ރެޖިސްޓްރީކުރާ ފުރަތަމަ 100 ކަސްޓަމަރުންނަށް އައިޕީޓީވީ ކަނެކްޝަން އަޅައިދިނުމާއި، ދިރާގު ޓީވީގެ ޖޯއިބޮކްސްގެ އިތުރުން ޚިދުމަތް ވެސް އެފަރާތްތަކަށް އަހަރު ދުވަހަށް ހިލޭ ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ކޭބަލް ޓީވީ މެދުވެރިކޮށް ލިބޭ ލޯކަލް ހުރިހާ ޗެނަލަކާއި ބޭރުގެ ގިނަ ޗެނަލްތައް ދިރާގުގެ އައިޕީޓީވީ ޚިދުމަތް "ދިރާގުޓީވީ"އިން ލިބެއެވެ.