މާލެއިން އުތުރުގައި އެންމެ ފުޅާކޮށް ހިންގާ އެއްވިޔަފާރިން މިދައްކަމުންދަނީ ވަރަށް ވެސް ރީތި ނަމޫނާ އެވެ. ފައިސާގެ ބޭނުމުގައި މީހުން ހަލާކުނުކޮށް ވިޔަފާރި ކުރެވިދާނެ ކަމުގެ ނަމޫނާ ދައްކައިފި އެވެ. އެއީ ހދ. ކުޅުދުއްފުށީގައި ހިންގާ އެސަރަހައްދުގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި މިތުރެވެ.

މިތުރު ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުހައިރު ވިދާޅުވި ގޮތުގައި ދުންފަތް އުފުލުމާއި ވިއްކުން އެކުންފުނިން ހުއްޓާލީ އެއީ ސިއްހަތައް ގެއްލުން ދޭ އެއްޗެއްކަމަށް ހުރިހާ ސިއްހީ މާހިރުން އިއްތިފާގުވާތީ އެފަދަ އެއްޗެއް ވިއްކަން ބޭނުންނުވާތީ ކަމަށެވެ.

ބަހާދަރު ބޯޓްގެ ފަޅުވެރިން މަސައްކަތުގައި-- އެބޯޓަކީ ދުންފަތް ނޫފުލާ އަދު ބުއިން ވެސް މަނާ ބޯޓެއް-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

"ސިއްހީ ހިދުމަތްތެރިންގެ މެދުގައި ހިލާފެއްނެތް މިންވަރަށް އެކަން [ދުންފަތުގެ އިސްތިއުމާލް] އެއީ ހަށިގަނޑަށް ގެއްލުންލިބޭ ކަމެއްކަމަށް ބުނޭ، ދެމީހަކު ނުބުނޭ ދެގޮތަކަށް، އެހެންވީމަ ހުއްޓާލީ،" ޒުހައިރު ވިދާޅުވި އެވެ.

މިތުރު ކުންފުނިން ތިން ބޯޓް މާލެއާއި އަތޮޅުތެރެއާ ދޭތެރޭ ދަތުރުކުރާ އިރު އޭގެ ތެރެއިން ބަހާދަރު ބޯޓަކީ ރާއްޖޭގެ އުތުރަށް އެންމެ ގިނަ މީހުން އުފުލާއެއްބޯޓެވެ. އަދި ގިނަ އަދަދެއްގެ މުދާ ވެސް އެބޯޓުން މާލެއިން އުތުރުގެ ރަށްރަށަށް އުފުލަ އެވެ.

ބަހާދަރު ބޯޓްގެ ކެޕްޓަން މުހައްމަދު ރަޝީދު ބުނި ގޮތުގައި 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެބޯޓުން ދުންފަތް އުފުލުން ވަނީ ހުއްޓާލައިފަ އެވެ.

ބަހާދަރު ބޯޓުގެ ކެޕްޓަން ސަން އަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ

"ދުންފަތް ގެންދަން އަޔަސް ފޮނުވާލަނީ، އަނެއްކާ ބޯޓުގައި ސިނގިރޭޓް ބުއިން ވެސް މަނާވާނެ،" ބަހާދަރުގެ ކެޕްޓަން ރަޝީދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދުންފަތް އުފުލުން ހުއްޓާލި އިރު ހަމައެކަނި ދުންފަތް އުފުލައިގެން ނާލުގެ ގޮތުގައި މަހެއްގެ މައްޗަށް ބަހާދަރު ބޯޓަށް އެކަނި ވެސް 50000 ރުފިޔާގެ އާމްދަނީއެއް ލިބެމުންދިޔަ ކަމަށެވެ.

މީގެ ހަތް އަހަރު ކުރިން 2010 ވަނަ އަހަރު އެކުންފުނީގެ ފިހާރައިން ސިނގިރޭޓް ވިއްކުން ހުއްޓާލި އިރު ދުވާލެއްގެ މައްޗަށް 10000 ސިނގިރޭޓް ވިކެމުން ދިޔަ ކަމަށާއި ނަމަވެސް ދުންފަތް ވިއްކުން ހުއްޓާލި ނަމަވެސް ކުންފުންޏަށް ގެއްލުމެއްނުވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.

"ﷲ އިރާދަފުޅުން ބައި ރުފިޔާއެއް ވެސް މަދުހެން ހިޔެއް ނުވޭ، އިތުރަށް ލިބުނުހެން ހީވަނީ" ދުންފަތާއި ނުލައި ކުރާ ވިޔަފާރުއާ ގުޅޭ ގޮތުން ޒުހައިރު ވިދާޅުވި އެވެ.

މިތުރު ކުންފުނީގައި 100 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ އިރު އޭގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުންނެވެ. މަދު ބަޔަކު ދުންފަތުގެ އިސްތިއުމާލް ކުރި ނަމަވެސް އެމީހުންނަށް ވެސް މަސައްކަތު މާހައުލުގައި ދުންފަތުގެ އިސްތިއުމާލް ކުރުން ވަނީ މަނާކޮށްފަ އެވެ.

"މަސައްކަތުގައި މާހައުލުގައި ނުކުރެވޭނެ، މުވައްޒަފުން ލިބޭ ނަމަ ބޭނުންކުރާނީ މުޅިން ވެސް ދުންފަތުގެ އިސްތިއުމާލް ނުކުރާ މުވައްޒަފުން،" ޒުހައިރު ބުންޏެވެ.

ކޮންމެ އަކަސް ރާއްޖޭގެ މެދުފަންތީގެ ވިޔަފާރިއަކުން މިވަނީ ވަރަށް ވެސް ރީތި ނަމޫނާއެއް ދައްކައިފަ އެވެ. ހަމައެކަނި ލިބޭ އާމްދަނީއަށް ނުބަލައި ކަސްޓަމަރުންގެ ސިއްހަތަށް ބަލައި އެކުރަނީ އަގުވަޒަން ނުކުރެވޭވަރުގެ ހިދުމަތެކެވެ. މިއީ އެހެން ކުންފުނިތަކުން ވެސް ނަމޫނާއަކަށް ބަަލަން ޖެހޭ ކަމެކެވެ.

ފައިދާ ދެތިން ބަޔަކަށް، ގައުމަށް ގެއްލުން

މިދިޔަ އަހަރު ރާއްޖެއަށް 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރި އެވެ. އެއީ ދިވެއްސެއްގެ ބޮލަކަށް 1449 ވުރެ ގިނަ ސިނގިރޭޓެވެ. ރާއްޖެއަށް ސިނގިރޭޓް އެތެރެކުރަނީ މައިގަނޑު ހަތަރު ފަރާތަކުން ކަމަށްވާ އިރު އެއީ އެ ފަރާތްތަކަށް ވަރަށް ފައިދާ ބޮޑު ވިޔަފާރިއެކެވެ. ނަމަވެސް އެފަރާތްތަކުގެ އަތުން ގަނެގެން ވިއްކާ ކުދި ވިޔަފާރިތަކަށް މާކަ ބޮޑު ފައިދާއެއް ނުވެ އެވެ.

"ކާޓޫނަކުން ޖެހެނީ 28 ރުފިޔާ ފައިދާ. މިއީ ކުރަން ހެޔޮވާވަރު ކަމެއް ނޫން. ފައިދާ ވާއެއްޗެއް ނޫން މިއީ،" ކޮއިލް މާޓްގެ ވެރިޔާ ބުންޏެވެ.

ގައުމަށް ޖެހިފައިވާ ވަބާއެއް

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެ އިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އެ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ނޭވާލާނިޒާމަށް ކުރިމަތިވާ މައްސަލަތައް ހިމެނެ އެވެ. އެ ހުރިހާ ބައްޔެއްގެ މައިގަނޑު ސަބަބަކީ ދުންފަތެވެ. ސިނގިރޭޓު ބުއިމާއި އޭގެ ދުމުން ކުރާ ނޭދެވޭ އަސަރެވެ.

ވިޔަފާރީގެ ގޮތުން ބެލިނަމަވެސް މިއީ މަދު ބަޔަކަށް ބޮޑު ފައިދާއެއް ލިބޭ މުޅި ގައުމަށް އޭގެ ބޮޑު ގެއްލުން ކުރިމަތިވާ ވަބާއެކެވެ. އެތައް ބަޔަކު ހަލާކެއްގެ ތެރެއަށް ވައްޓާލައިގެން އެހޯދަނީ ބޮޑު ނަފާއެކެވެ. އެހެންކަމުން މިކަން ހުއްޓުވައިގެން ގައުމުގެ އިގްތިސާދަށް ގައިމު ވެސް ކުރާނެ އަސަރެއް ނޯންނާނެ އެވެ.