09 Jul 2011, 12:37
ޖޫބާ : ސޫދާނުގެ ދެކުނު، ސޫދާނާ ވަކިވެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ރޭ މެންދަމު އިއުލާންކޮށްފި އެވެ.
މިއީ ސޫދާނުގެ އަހްލީ ހަނގުރާމަ ހުއްޓާލުމަށްޓަކައި ސޮއިކުރި ސުލްޙައިގެ މުއާހަދާ އާއި މިކަމާ ބެހޭ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އަދި ދެކުނު ސޫދާނުގައި ވަކި ދައުލަތެއް އުފެއްދުމާބެހޭ ގޮތުން މިދިޔަ ޖަނަވަރީ މަހު އެސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާ އެއްގޮތަށް އިއުލާން ކުރި ދައުލަތެކެވެ.
މިދައުލަތަށް ފުރަތަމަ އިއުތިރާފްވީ ސޫދާނުގެ ސަރުކާރުންނެވެ. ދެކުނު ސޫދާނުގެ މިނިވަން ދައުލަތް އިއުލާން ކުރުމުގެ ގޮތުން އެދައުލަތުގެ ވެރިރަށް ކަމަށްވާ ޖޫބާގައި ބޭއްވި ރަސްމިއްޔާތުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއާއި ސޫދާނުގެ ހާރިޖީ ވަޒީރު އަލީ ކުރްތީ ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ދެކުނު ސޫދާނުގެ ރައީސަކަށް ވެވަޑައިގަންނަވާނީ ސޫދާނުގެ ނައިބު ރައީސް ކަމުގައި ހުންނެވި ދެކުނު ސޫދާނުގެ ލީޑަރެއް ކަމަށްވާ ސަލްފާ ކީރު މިޔާދީތް އެވެ. ސޫދާނަކީ އެފްރިކާގެ އެންމެ ބޮޑު އަދި ގުދްރަތީ ވަސީލަތްތަކުގެ ގޮތުން އެފްރިކާގައި އެންމެ ބޮޑު ގައުމެވެ.
ސޫދާނުގެ ބޮޑުމިން ގާތްގަނޑަކަށް ޔޫރަޕްގެ މުޅި ބައްރާ އެއްވަރެވެ. ސޫދާން ދެބައިވެ ދެކުނު ސޫދާންގެ ނަމުގައި ވަކި ދައުލަތެއް އުފެދުމުން ސޫދާނުގެ އުތުރު އަރަބި އިސްލާމީ ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް ދެކުނު ސޫދާންގެ ދައުލަތް ވެގެންދާނީ އެފްރިކާގެ ނަސާރާ ގައުމަކަށެވެ.
ދެކުނު ސޫދާނުގައި ގިނައީ އެފްރިކާގެ ކަޅުނަސްލުގެ ނަސާރާއިންނެވެ. ނަމަވެސް ސޫދާނުގެ ގާތްގަނޑަކަށް 85 ޕަސެންޓް ރައްޔިތުންނަކީ އަރަބިންނެވެ. (އަލްޖަޒީރާ)