އަނިޔާވެރި ގޮތަކަށް މަރާލި، ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުން ބޭނުންކޮށްދިނުމަށް އާއިލާ އިން ގޮވާލައިފި އެވެ.

ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީންގެ މަރުގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ޔާމިން ރަޝީދުގެ ގަތުލާ ގުޅިގެން ސްރީލަންކާގެ ކޮޅުނބުގައި ގާއިމުވެ ތިބޭ ބައިނަލްއަގްވާމީ ފަރާތްތަކާ އެކު މަޢުލޫމާތު ޙިއްސާ ވެސްކޮށްފައިވާ ކަމަށެވެ.

"އެގޮތުން އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި އިންސާނީ ޙައްގުތަކާއި ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި އަދި ސްރީލަންކާގައި ޤާއިމުވެތިބޭ ނޫސްވެރިންނާ ވެސް އަޅުގަނޑު ބައްދަލުކުރީމެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ އެ މައްސަލާގައި އިތުބާރުހިފޭ ތަޙުގީގެއް ހިންގޭނީ ބައިނަލްއަގުވާމީ ފެންވަރުގެ ތަޙްގީގީ ތަޖުރިބާކާރުންގެ ބައިވެރިވުމާއެކުގައި ކަމުގައި ގަބޫލު ބޫލުކުރެވޭތީ އެކަމަށް ބާރު އަޅުއްވައި ދެއްވުމަށް އެފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ.

ޔާމިންގެ ޤަތުލަށް އެތައް ދުވަހެއް ފާއިތުވެދާއިރު ވެސް، އަދި ޤާތިލުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ އިރު ވެސް، މައްސަލާގައި ތުހުމަތުކުރެވޭ އެއްވެސް މީހަކު، ފުލުހުންގެ ބެލުމުގެދަށަށް ނުގެނެވި، ތަޙްގީގުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ ކަންބޮޑުވުން ފައުޅުކުރާ ކަމަށް ބުނެފައިވެ އެވެ.