29 Apr 2017, 14:50
މެނީލާ (އޭޕްރިލް 29): މިއަދުގެ ފަތިހުގެ ވަގުތެއްގައި ފިލިޕީންސަށް 6.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސެއިސްމޮލޮޖީ އިން ބުނި ގޮތުގައި އެބިންހެލުން އައީ އެގައުމުގެ އެންމެ ބޮޑު ރަށް ކަމަށްވާ މިންޑަނާއޯގެ 57 ކިލޯމީޓަރު ހުޅަނގުދެކުނުން ކަނޑު އަޑިއަށެވެ.
އެބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދިން ނަމަވެސް މިއަދު ހެނދުނު އެނުރައްކާގެ ހާލަތު ވަނީ އުފުލާފަ އެވެ.
އަދި އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭން ވަނީ ފިލިޕީންސަށް އައި ބިންހެލުމަކީ 7.2 މެގްނިޓިއުޑުގެ ބިންހެލުމެއް ކަމަށް ފުރަތަމަ ލަފާ ކުރެވުނު ނަމަވެސް، އެއީ 6.8 މެގްނިޓިއުޑުގެ ބިންހެލުމެއް ކަމަށް ބުނެފަ އެވެ.
އެބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ވަޒަން ކުރަން ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ އިރު، ފިލިޕީންސްގެ ބިންހެލުމާ ބެހޭ އިދާރާގެ ވެރިޔާ ރެނާޓޯ ސޮލިޑަމް ވަނީ އެހާދިސާގައި އެއްވެސް މީހަކު މަރުވެ، އެއްވެސް ތަނަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް ލަފާ ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. (ސީއެންއެން)