އެމްޓީސީސީއާއި މޯލްޑިވްސް ބްލަޑް ޑޯނަސް އެސޯސިއޭޝަންއާއި ގުޅިގެން "ބްލަޑް ޑޮނޭޝަން ކޭމްޕް"ގެ ނަމުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ހެންވޭރު ސޯމިލުގައި ފަށައިފި އެވެ.

އެމްޓީސީސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް މިއަދު ހެނދުނު 9:00 އިން ހަވީރު 18:00ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މިފަދަ ހަރަކާތެއް އިންތިޒާމްކޮށް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި ތެލަސީމިއާ ހުންނަ ކުދިންނަށް އެހީގެ އަތެއް ފޯރުކޮށްދިނުމާއި، ލޭ ހަދިޔާކުރުމުގެ މުހިއްމުކަން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ބްލަޑް ޑޯނާސް އެސޯސިއޭޝަންއާ ގުޅިގެން އެމްޓިސީސީ އިން އިންތިޒާމްކޮށްގެން ހިންގާ މި ހަރަކާތުގައި ގިނަ އަދަދެއްގެ އެމްޓީސީސީގެ މުވައްޒަފުންނާއި އާއިލާގެ މެންބަރުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން އާންމުންގެ ގިނަ ފަރާތްތަކަކުން ލޭ ހަދިޔާކޮށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވެސް އެމްޓީސީސީން އުއްމީދު ކުރާ ކަމަށް ބުންޏެވެ.

ވޭތުވެ ދިޔަ އަހަރުތަކެކޭ އެއްފަދައިން ކުރިއަށް އޮތް ތަނުގައި ވެސް މުޖުތަމަޢުއަށް ފައިދާ ކުރަނިވި ގިނަ ހަރަކާތްތަކެއް ރާވާ ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.