09 Jul 2011, 13:16
ހަބަރަށް މައުލޫމާތު ދޭ ފަރާތް ނޫނީ މަަސްދަރު ހޯދުމަށް ދިވެހި ފުލުހުން ނޫސްވެރިންނާ ސުވާލުކުރުމުން ދުރުހެލިވުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް ]އައިއެފްޖޭ[ އިން ގޮވާލައިފި އެވެ. އައި އެފްޖޭ އިން އިއްޔެ އާއްމުކުރި ބަޔާނުގައި ބުނެފައި ވަނީ އެ ޖަމާއަތުގެ ބައިވެރިއެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން ]އެމްޖޭއޭ[ އިން އެކަމުގައި ފާޅުކޮށްފައިވާ ކަންބޮޑުވުމުގައި އައިއެފްޖޭ ބައިވެރިވާ ކަމަށެވެ.
"ދިވެހިރާއްޖެއަކީ ނޫސްވެރިންނަށް މައުލޫމާތުދޭ ފަރާތް ]ސޯސް[ ސިއްރުކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް،" އައި އެފްޖޭގެ އޭޝިޔާ ޕެސޮފިކް ޑައިރެކްޓަރު ޖެކްލިން ޕާކް ވިދާޅުވި ކަމަށް އެ ޖަމިއްޔާގެ ނޫސް ބަޔާނުގައިވެ އެވެ.
ޖެކްލިން ޕާކާ ހަވާލާދީ އައިއެފްޖޭ އިން ބުނި ގޮތުގައި ނޫސްވެރިންގެ މަސްދަރު ހާމަ ކުރަން ނުޖެހުމަކީ މިނިވަން ނޫސްވެެރިކަމެއް ކުރުމަށް ހުޅުވިފައިވާ ރަނގަޅު ދޮރެއް ކަމަށާއި ނަމަވެސް ހަމަ އެއާ އެކު ނޫސްވެރިން ވެސް އެ މީހުންގެ ވާޖިބު އަދާކުރުމުގައި އަމާނަތްތެރިވުމަށް ވިދާޅުވެފައިވެ އެވެ.
"އަހަރެމެން ދިވެހި ސަރުކާރަށާއި ފުލުހުންނަށް މިގޮވާލަނީ ނޫސްވެރިންގެ މަސައްކަތްތަކުގެ މައްސަލަތައް އެކަމަށް ކަނޑައެޅިފައިވާ އިންސްޓްޓިއުޝަންތަކުން ކުރުމަށް، އަދި އެފަދަ ކަންތައްތައް ފުލުހުން ތަހުގީގު ނުކުރުމަށް،" ޕާކް ވިދާޅުވެފައިވެ އެވެ.
އެމްޖޭއޭ އިން ގޮވާލާފައި ވަނީ ރާއްޖޭގެ ނޫސްވެރިން ލިޔާ ހަބަރުތަކުގެ ތެދުދޮގު ބެލުމުގެ މަސައްކަތް ، އެކަމަށްޓަކައި ގާނޫނީ ގޮތުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް ފަދަ މިނިވަން މުއައްސަސާތަކުން ކުރުމަށެވެ.
ނޫސްވެރިން ކުރާ މަސައްކަތްތަކާ ގުޅިގެން ބަލަން ޖެހޭ މައްސަލަތައް އެކަމަށް އުފައްދާފައިވާ މިނިވަން މުއައްސަސާތަކުން ކުރުމަށާއި އެކަންތައްތައް ފުލުހުން ތަހުގީގު ނުކުރުމަށް އެމްޖޭއޭ އިން ދާދިފަހުން ގޮވައިލީ، ދިއެފްއެމްގެ އެޑިޓަރާއި އަދި އެނޫން ތަންތަނުގެ ނޫސްވެރިން ފުލުސް އޮފީހަށް ހާޒިރު ކުރާތީ އެވެ.