29 Apr 2017, 10:36
އިސްލާމް އާބާދު (އެޕްރީލް 29) : ކޮރަޕްޝަނުގެ މައްސަލާގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އާ ސުވާލުކުރުމަށް އެގައުމުގެ ސުޕްރީމްކޯޓުން ފުލުހުންނަށް އަމުރު ކުރުމާ އެކު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.
ޕާކިސްތާނުގެ އިދިކޮޅު ޕީޕީޕީ އާއި އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީން ބުނީ ސުޕްރީމް ކޯޓުގެ އަމުރާ އެކު ވެރިކަމުގެ ގާނޫނީ ހައްޘިއްޔަތު ނަވާޒް ޝަރީފަށް ގެއްލިފައިވާ ކަމަށާއި ނަވާޒް ޝަރީފަށް އޮތީ ރުހުމުގައި އިސްތިއުފާ ދެއްވުންކަމުގަ އެވެ. އިސްތިއުފާ ދެއްވަން ފަސްޖެހިވަޑައިގަންނަވާ ނަމަ ނަވާޒް ޝަރީފް ކުރިމަތިލައްވަން ޖެހޭނީ ރައްޔިތުންގެ އިހްތިޖާޖްތަކާ ކަމަށް ވެސް މިދެ ޕާޓީން ބުނެ އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ހާލަތު އޮތްގޮތުންނާއި ރައްޔިތުންގެ ތާއީދު ނަވާޒް ޝަރީފަށް އޮތުމުން އޭނާގެ ސަރުކާރާ ދެކޮޅަށް އިހްތިޖާޖް ކުރުމަށް ރައްޔިތުންގެ ގިނަ ބަޔަކު ނުކުންނާނެ ކަމަށް ނުބެލެވޭ ކަމަށް މުރާސިލުން ބުނެ އެވެ.
އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވަންދެން އެޕާޓީން އޭނާއާ ދެކޮޅަށް މުޒާހަރާކޮށް އިހްތިޖާޖްތައް ކުރަމުން ގެންދާނެ ކަމުގަ އެވެ. ތަހްރީކޭ އިންސާފު ޕާޓީ އަކީ ޕާކިސްތާނުގައި ތިންވަނައަށް އެންމެ ބޮޑު ޕާޓީ އެވެ. ނަމަވެސް ނަވާޒް ޝަރީފުގެ މުސްލިމް ލީގް ޕާޓީއާ އަޅާބަލާއިރު އެއީ ސިޔާސީ ބުރަދަނުގެ ގޮތުންނާއި މެންބަރުންގެ އަދަދުގެ ގޮތުން ވަރަށް ކުޑަ ޕާޓީއެކެވެ.
ނަވާޒް ޝަރީފް އާ ސުވާލުކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ފުލުހުންނަށް އަމުރުކޮށްފައި ވަނީ ނަވާޒް ޝަރީފް އާއި އޭނާގެ އާއިލާއިން ޕާކިސްތާނުގެ ދައުލަތުގެ ފައިސާ ގަތަރަށް ގެންގޮސް އެފައިސާއިން ލަންޑަނުން ގެތަކެއް ގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ އެވެ. މިއީ މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ މައްސަލައިގެ ގޮތުގައި ވިލީކްސް އިން މީގެ ދެއަހަރު ކުރިން ބޭޒާރުކޮށްލި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ.
މިމައްސަލާގައާއި މިނޫން ވެސް ނަވާޒް ޝަރީފާ ގުޅޭ އެތައް މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ދުރުކުރަން ފެނޭތޯ ބެލުމަށް ފަސްފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ބެންޗެއް ސުޕްރީމް ކޯޓުން އެކުލަވާލުމުން އެ ބެންޗުގެ ފަސްފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ނަވާޒް ޝަރީފް ވަގުތުން މަގާމުން ދުރުކުރަން ފެންނަކަމަށް ނިންމާފަ އެވެ. އަނެއް ތިން ފަނޑިޔާރުން ނިންމީ މައްސަލަތައް ބަލައި ތަހްގީގް ކުރުމަށްފަހުގައި ނޫނީ ނަވާޒް ޝަރީފް މަގާމުން ދުރުކުރަން ނުފެންނަކަމަށެވެ. (ޖަރުމަނު ނޫސް އެޖެންސީ)