29 Apr 2017, 11:48
މީގެ 12 އަހަރު ކުރިން ބޮލީވުޑުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މަދުރް ބަންދާރުކަރު މަރާލަން ރޭވިކަން، ބަތަލާ އަދި މޮޑެލް ޕްރީތީ ޖެއިންގެ މައްޗަށް ސާބިތުވެ އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ޕްރީތީ އާއި އަދިވެސް އިތުރު ބަޔަކާ ދެކޮޅަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ބަންދާރްކަރް މަރާލަން ބޭނުންވާ ކަމަށް ބުނެ 2005 ވަނަ އަހަރު، ނަރޭޝް ޕަރްދޭޝީ ކިޔާ ގޭންގްސްޓަރ އަކަށް ޕްރީތީ 75،000 ރުޕީޒް ހުށަހަޅާފައިވާ ކަމަށެވެ.
ޕްރީތީ އާއި ނަރޭޝް ޕަރްދޭޝްގެ އިތުރުން ޝިވްރަމް ދާސް ކިޔާ މީހެއްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ. ޕްރީތީ އާއި ނަރޭޝްއަށް ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވާއިރު، ޝިވްރަމް އަށް ކޮށްފައި ވަނީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.
ނަމަވެސް ދަށު ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ތިން މީހުންނަށް ވެސް މިހާރު ވަނީ ހަތަރު ހަފްތާގެ މުއްދަތެއް ދީފައެވެ. އަދި އިސްތިއުނާފުގެ ކަންކަން ނިމެންދެން އެމީހުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ވަނީ ފަސްކޮށްފައެވެ.
އެ މައްސަލައިގައި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް، އެކަށީގެންވާ ވަރަށް ހެކި ނެތުމުން އެމީހުންނަށް ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
ދެހާސް ހަތަރު ވަނަ އަހަރު ޕްރީތީ ވަނީ ބަންދާރްކަރު، ފިލްމަކުން ފުރުސަތު ދޭނެ ކަމަށް ބުނެ އެކި ފަހަރު މަތިން އޭނާ ރޭޕް ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.
އަދި ބަންދާރްކަރް މަރާލަން ރާވާފައި ވަނީ އޭގެ ފަހުންނެވެ. ބަންދާރްކަރް މަރާލަން ފައިސާ ދިން ނަމަވެސް، ޕަރްދޭޝީ އާއި މައްސަލައިގައި ދެން ހިމެނޭ މީހުން ފައިސާ އާއި ހަވާލުވުމަށް ފަހު، އެމީހުންނާ ހަވާލު ކުރި މަސައްކަތް ނުކުރުމުން، ޕްރީތީ ވަނީ އަލުން އަނބުރާ ފައިސާ ދިނުމަށް އެމީހުންނަށް އަންގައިފައެވެ.
ޕްރީތީގެ ރޭވުމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެހިސާބުންނެވެ. އަދި 2005 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުން މައްސަލަ ބަލަން ފަށައި، އެންމެ ފުރަތަމަ ހައްޔަރު ކުރީ ޕަރްދޭޝީ އެވެ. އެއަށްފަހު ދެން ހައްޔަރު ކުރީ ޕްރީތީ އެވެ.
މައްސަލައިގައި ޖަލު ހުކުމް އައިސްފައިވާ ދާސް ހައްޔަރު ކުރި އިރު، ބަންދާރްކަރް މަރާލަން ހަތިޔާރު ވެސް ވަނީ ހަމަޖައްސައިފައެވެ.
މައްސަލައިގެ ޝާރީޢަތް ފެށުނު ހިސާބުން، ކަފާލަތުގެ ދަށުން ޕްރީތީ ވަނީ ދޫކޮށްލައިފައެވެ. އެ މައްސަލައިގެ ޝަރީއަތުގައި 51 މީހެއްގެ ހެކިބަސް ވަނީ ނަގައިފައެވެ.
ދަށު ކޯޓުން މައްސަލަ ނިމުނު ފަހުން، ވަކި މީހެއްގެ ނަން ނުހިމަނައި ބަންދާރްކަރް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ "ބައެއް ވާހަކަތައް ނުދެއްކުން މާ ރަނގަޅު ވާނެ. ބައެއް ކަންކަން ރަނގަޅު ވާނީ ހުރި ގޮތަށް ބެހެއްޓިއްޔާ. ދުނިޔެ ހިނގާނެ، ދިރިއުޅުން ދާނީ ކުރިއަށް،" ކަމަށެވެ.
ޝަރީއަތަށް ފަހު ޕްރީތީ ބުނެފައި ވަނީ ޖުޑީޝަރީ އަށް އޭނާ ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށާއި، ހައި ކޯޓުން އޭނާއަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
"ކޯޓުގެ ނިންމުމަށް އިހުތިރާމު ކުރަން. އެކަމަކު އަހަރެން ގަބޫލު ކުރަނީ ބޮމްބޭ ހައި ކޯޓުން އަހަންނަށް އިންސާފު ލިބޭނެ ކަމަށް،" އޭނާ ބުންޏެވެ.