29 Apr 2017, 09:52
މިހާރު ފޯރިއާ އެކު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ހަތަރު ޖާގަ ބީއެމްއެލް، އެމްޕީއެލް، ސްޓެލްކޯ އަދި އެސްޓިއޯ އިން ކަށަވަރު ކޮށްފި އެވެ.
މިއަދު ކުޅެވުނު ގަދަ 16 ގެ ފުރަތަމަ އަށް މެޗަށް ފަހު ކުއާޓާ ފައިނަލުގެ ފުރަތަމަ ހަތަރު ޖަގަ ކަށަވަރުވީ އިރު މާދަމާ ހަވީރު އަނެއް ހަތަރު ޖާގަ ކުޅުމަށް ގަދަ 16ގައި އަށް މެޗު ކުޅޭނެ އެވެ.
މިއަދުގެ މެޗުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޗެމްޕިއަން ބީއެމްއެލްއިން ކުއާޓާގެ ޖަގައެއް ޔަގީންކުރީ ކަސްޓަމްސް ރެކްރީއޭޝަން ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ބީއެމްއެލް އިން ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.
މި އަހަރު ވަރުގަދަ ސްކޮޑަކާ އެކު މުބާރާތައި ކުރިމަތިލި ސްޓެލްކޯއިން ކުއާޓާ އިން ޖާގައެއް ކަށަވަރުކުރީ ގަދަ 16 ގައި ދިވެހި ސިފައިންގެ ކުލަބް ބަލިކޮށްގެންނެވެ. ސިފައިން ސްޓެލްކޯ އަތް ދަށުވީ 3-0ގެ ނަތީޖާއަކުންނެވެ.
އެމްޕީއެލް އިން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ފަސޭހަ ކަމާ އެކު ފުލުހުން ބަލިކޮށްގެންނެވެ. މިއަދު ކުރިއަށް ދިޔަ ގަދަ 16 ގެ މި މެޗުގައި އެމްޕީއެލް އިން ވަނީ ފުލުހުން ކޮޅަށް ފަސް ލަނޑު ޖަހައިފަ އެވެ. އަދި ފުލުހުންނަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ.
އެސްޓިއޯ އިން ކުއާޓާގެ ޖަގައެއް ޔަގީން ކުރީ ސިވިލް ކޯޓު ބަލިކޮށްގެންނެވެ. ގަދަ 16ގެ އެ މެޗުގައި އެސްޓިއޯ އިން ވަނީ ސިވިލް ކޯޓު ކޮޅަށް ހަތް ލަނޑު ޖަހައިފަ އެވެ. ސިވިލް ކޯޓަށް އެސްޓީއޯ ކޮޅަށް ޖެހުނީ ދެ ލަނޑެވެ.
މާދަމާ ގަދަ 16ގައި ވާދަކުރާނީ މިއަދު ކުޅުނު ޓީމް ތައް ނެގުމަށް ފަހު ބާކީ އޮތް އަށްޓީމެވެ. ކުއާޓާގެ ހުރިހާ ޖަގައެއް ކަށަވަރުވާނީ މާދަމާގެ މެޗުތަކަށް ފަހު އެވެ.