29 Apr 2017, 00:40
މާލޭ ލީގުގައި ގްރީން ސްޓްރީޓް މައްޗަށް މިރޭ ކުޅުނު މެޗުގައި ކުރި ހޯދައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މިރޭ ގައުމީ ދަނޑުގައި ކުޅުނު މި މެޗް ނިއުއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
މޮޅެއް ހޯދަން މިރޭ ދަނޑު މައްޗަށް އެރި ގްރީން ސްޓްރީޓާއި އެއްވަނައިގައި ހަމަޖެހިލުމަށް ނުކުތް ނިއުރޭޑިއަންޓުން މިރޭ ކުޅުނު މެޗަށް ބަލާއިރު ދެޓީމުވެސް ފެނުނީ ތަފާތުކޮށެވެ. ގްރީން ސްޓްރީޓުން މިރޭގެ މެޗުގައި ބަލިވި ނަމަވެސް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސޮބާ ބުނިހެން އެޓީމުން ވަނީ އެންމެ ފުރަތަމަ މިނިޓުން ފެށިގެން ފަހު ސިކުންތާ ހަމައަށް ވެސް މަސައްކަތް ކޮށްފައެވެ.
ނިއުއިން ލަނޑެއް ޖަހައި ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށެވެ. އަލީ ފާސިރު(ސެންޓޭ) ނަގައިދިން ކޯނަރަކުން، މެޗުގެ 38 ވަނަ މިނިޓްގައި ބޮލުން ޖަހައި މި ގޯލް ކާމިޔާބުކުރީ އިތުބާރު ޑިފެންޑަރު އަހަމްދު އަބްދުﷲ (ލިލީ)އެވެ. އޭނާ އަކީ މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއާވެސްމެއެވެ.
ފުރަތަމަ 45 މިނިޓް ނިމި، ދެޓީމް ޗޭންޖިންގ ރޫމަށް ދިޔައީ މި ނަތީޖާއާއެކުއެވެ.
ރެފްރީގެ ބައެއް ނިންމުންތަކަށް ގްރީން ސްޓްރީޓް ކުޅުންތެރިންނާއި އެ ޓީމުގެ ބެންޗުން ފާޑުކީ މި މެޗުގައި އެޓީމަށް އިތުރު އުނދަގޫ ތަކަކާއި ކުރިމަތިވީ މި މެޗުގައި، އަނިޔާގެ ސަބަބުން ނުކުޅޭނެކަމަށް ކުރިން ބެލެވުނު އެޑްރިއަން ގަލާޑޯ ކާމިޔާބުކުރި ލަނޑާއެކުއެވެ. ސެންޓޭ ފަހިކޮށްދިން ފުރުޞަތަކުން އެ ގޯލް ގަލާޑޯ ކާމިޔާބުކުރީ މެޗުގެ 56 ވަނަ މިނިޓްގައެވެ.
ގްރީން ސްޓްރީޓަށް ލަނޑެއް ކާމިޔާބުކޮށްދީ އަލުން އުންމީދު އާކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޑިމިޓްރޯއެވެ. މުޅިން ހުސްކޮށް އޮތް ގޯލަށް އޭނާ ބޯޅަ ވައްދާލިއިރު ބޯޅަ މަތަކުރުމަށް ކީޕަރު އިމްރާން މުހައްމަދަށްވެސް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.
މި ނަތީޖާއާއެކު ގްރީން ސްޓްރީޓް އޮތީ ތާވަލްގެ ހަތަރުވަނައިގައެވެ. ކުޅުނު 6 މެޗުން ލިބުނު ފަނަރަ ޕޮއިންޓާ އެކު ނިއުރޭޑިއަންޓް އޮތީ ތާވަލްގެ އެއްވަނަ މަގާމުގައެެވެ.