29 Apr 2017, 00:37
ޕަބްލިކް ސާވިސް މީޑިއާއިން ގެނެސްދޭ މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ މިރޭގެ ޝޯ އިން ވެސް ފެނިގެންދިޔައީ ވަރަށް ހިތްގައިމު ހުށަހެޅުންތަކެކެވެ. އެގޮތުން، ލޯބީގެ ރީތި ލަވަތަކަކާއި "ހަނދާނުން ފޮހެލަން" އުނދަގޫ ލަވަތަކެއް، ތީމަކަށް ނަގައިގެން ފަސް ބައިވެރިން ވަނީ ރީތި ލަވަތަކެއް ހުށަހަޅައިދީފައެވެ.
ކޮންމެ ބައިވެރިއަކު ވެސް ދެ ލަވަ ހުށަހަޅައިދިން މިރޭގެ ޝޯގައި ގެސްޓު ޖަޖެއްގެ ގޮތުގައި ބައިވެރިވީ ރާއްޖޭގެ މިއުޒިކު އިންޑަސްޓްރީގައި ހިތްގައިމު ލަވަތަކެއް ބެލުންތެރިންނަށް ގެނެސްދިފައިވާ ލަވަކިޔުންތެރިޔާ ރިޝްވާން އައިމަން (ރިއްޓެ) އެވެ.
މިރޭގެ ޝޯގައި ބައިވެރިން ހުށަހަޅައިދިން ލަވަތަކަށް ބަލާއިރު، ޝަމްވީލް މުހައްމަދު ހުށަހަޅައިދީފައި ވަނީ، "އިޝާރާތްހޭ ކުރީ" އާއި "ހިތުގެ ވޭނީ އަޑޭ" މި ދެލަވައެވެ. ހަމޫދު އަހްމަދު، "ފަރިކަން ތި މަސްތީ ބަލަން" އަދި "ރޯން ވީހޭ" ހުށަހަޅަދިން އިރު، މުހައްމަދު ތަސްނީމް (ބޮބް)، ހުށަހަޅައި ދީފައިވަނީ، " ހީލާފާ ނުދޭ" އާއި އޭ ހިތާ" މި ދެލަވައެވެ.

މިރޭގެ ޝޯގެ ގެސްޓް ޖަޖް ރިޝްވާން އައިމަން (ރިއްޓެ)----
އިބްރާހިމް ވަހީދު (ބޮޑުބެ)، "ހުއްޓޭ ވަރޭ މަގޭ ހިތް" އަދި "ވީރީތި ނޭނގޭ ނޭނގޭ" ހުށަހަޅައިދީފައިވާއިރު އަބްދުﷲ ހިޝާން، ހުށަހަޅައިދިނީ، "ހައިރާންވާހާ ޗާލޭ ތިލޯ" އާއި "ދަނީ ދަނީ މެރިގެންލޯ" އެވެ.
މިރޭ ބައިވެރިން ދެއްކި ޕާފޯމެންސްތަކަށް ޖުމްލަ ގޮތެއްގައި ޖަޖުންގެ ފަރާތުން ރަނގަޅު ކޮމެންޓް ތަކެއް ލިބުނު ނަމަވެސް ކޮންމެ ބައިވެރިއަކު ވެސް ރަނގަޅު ކޮށްލަން ޖެހޭ ކަންތައްތައް ޖަޖުން ވަނީ ފާހަގަކޮށްފައެވެ. ރަނގަޅު ކުރަންޖެހޭ ކަންކަން އެންމެ ގިނައިން ފާހަގަކުރީ ހިޝާންގެ ލަވަތަކަށެވެ. ޖަޖުން ބުނީ، ހިޝާން އަށް މިރޭ ކީ ލަވަތަކަށް ވުރެ ރަނގަޅު ޕާފޯމެންސްތަކެއް ދެއްކޭނެ ކަމަށެވެ.
ކޮންމެއަކަސް، މިރޭ ފެނިގެން ދިޔައީ މޯލްޑިވިއަން އައިޑަލްގެ ގަދަ ފަހެއްގެ ލަވަތަކެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ޝޯގައި ޖަޖުން "ނޯ އެލިމިނޭޝަން ޕަވާ" ބޭނުން ކުރި ނަމަވެސް، މާދަމާ ރޭގެ ޝޯގައި ކޮންމެވެސް ދެ ބައިވެރިއަކު ޝޯ އާ ވަކިވެގެންދާނެ އެވެ. އަދި ގަދަ ތިނަކަށް ދާ ތިން ބައިވެރިން ފައިނަލް ވެގެން ދާނެ އެވެ.

މިރޭގެ ޝޯގެ ގެސްޓް ޖަޖާ އެކު އައިޑޮލްގެ ތިން ފަނޑިޔާރުން---
މިރޭގެ ޝޯއަކީ ހިތްގައިމު މޮޅެތި ހުށަހެޅުންތަކެއް ހުށަހަޅައިދިން ޝޯއެކެވެ. މާދަމާ ރޭ އޮންނަ އެލިމިނޭޝަން ޝޯގައި، މުބާރާތުން ކަޓައިގެންދާނީ ކޮން ދެ ބައިވެރިންނެއް ކަމެއް ބުނާކަށް ނޭނގެއެވެ. އަދި ގަދަ ތިނަކަށް ދަތުރު ކުރާނެ ތިން ނަސީބުވެރިންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ.
މާދަމާ ރޭގެ ޝޯއިން ވަކިވާނީ ބައިވެރިން މިރޭ ދެއްކި ޕާފޯމެންސައް ފަނޑިޔާރުންގެ 50 ޕަސެންޓް މަކުހާއި ބެލުންތެރިންގެ 50 ޕަސެންޓް ވޯޓުން އެންމެ ދަށްކޮށް ލިބޭ ދެ ބައިވެރިންނެވެ. ކޮންމެއަކަސް މާދަމާ ރޭ އޮންނަ ޝޯ ވެެގެންދާނީ ނޭވާ ހިފަހައްޓާލަންޖެހޭ ވަރުގެ ޝޯ އަކަށެވެ. ގަދަ ތިނެއް ބަލާލުމަށް އިންތިޒާރުކޮށްލާށެވެ.