މިސަރުކާރުގައި ރާއްޖެތެރެ އާއި މާލެއެއް ނޯންނާނެ ކަމަށާއި ދެ ދަރަޖައެއްގެ މީހުން އުޅޭ ކަމަށް މި ސަރުކާރުން ބުނެފައި ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީއަށް ވާދަކުރާ ކެންޑިޑޭޓުންނާ އެކު މިރޭ ބޭވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ކުރިމަތީގައި ރާއްޖެއަކީ އެއް ރާއްޖެއެއް ކަމަށެވެ.

"މާލެއާ ރާއްޖެތެރެއެއް ނޯންނާނެ. ކިތަންމެ ފަހަރަކު މިވާހަކަ ދެއްކިއްޖެ. ރާއްޖެތެރޭ މީހުންނަކީ އުޅޭ ބައެއް ނޫން. އެއީ ދިވެހި ރައްޔިތުން. ދިވެހިރާއްޖޭގައި އަޅުގަނޑުގެ ވެރިކަމަކު ނޫން ދެދަރަޖައިގެ މީހުން އުޅޭ ކަމަށް ބުނެފަ އޮތީ،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގައި ހުރިހާ ދިވެހިންނަށް އެއް ހައްގުތަކަކާއި އެއް އިމްތިޔާޒުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މި ސަރުކާރުގެ ކެބިނެޓަށް ބަލައިލި ނަމަވެސް އަޣުލަބިއްޔަތަކީ އަތޮޅުތެރޭގެ ބޭފުޅުން ކަމަށާއި ރައީސް އެމަނިކުފާނަކީ ވެސް ހަތަރު ކަށިމަތި މާލޭ މީހެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެއްފަޅި ނ. ވެލިދޫއަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ.

މިހާރު ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ފުރަތަމަ ހައްޔަރު ކުރި ސަރުކާރަކީ މިއީ ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ގާސިމް އެންމެ ފުރަތަމަ ހައްޔަރު ކުރީ ރައީސް ނަޝީދުގެ ސަރުކާރުގައި ކަމަށާއި ރައީސް މައުމޫނު އަބްދުލްގައްޔޫމް ގަދަކަމުން ފުލުސް އޮފީހަށް ގެންދިޔައީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެމަނިކުފާނާ އެކީ އިހުތިރާމާއެކީ ކަންކަން ކުރަމުން މުއާމަލާތު ކުރެވޭތޯ މިގެންދަނީ. އަޅުގަނޑަކީ ވެސް ރައީސް ނަޝީދުގެ އަނިޔާ އެކި ފަހަރު މަތިން. ގާނޫނާއި އުސޫލުތަކުގެ ބޭރުން އަނިޔާ ލިބިފަހުރި މީހެއް." ރައީސް ޔާމީން ވިދާޅުވި އެވެ.

އެހުރިހާކަމެއް ހިނގަމުން ދަނިކޮށް ހައްގު ބާތިލުގެ މައްޗަށް ގަދަވި ދުވަހަކީ 2012 ފެބުރުއަރީ ހަތް ވަނަ ދުވަސް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ މިހާރު އެއްދާން އެކުރައްވާ ހުރިހާ ބޭފުޅުންނަކީ މިދެންނެވިގޮތަށް އެންމެ އިސްކޮށް ހުންނެވި ބޭފުޅެއްގެ އޯގާތެރިކަމާއެކީ ޖަލުގެ ގޮޅިތައް ދެކެވަޑައިގެންފައި ތިއްބެވި ބޭފުޅުން،" ރައީސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލަރުން އިންތިޚާބުކުރާ އިރު، ވިސްނަން ޖެހޭ ކަމަށާއި މީގެ ކުރިން ސިޓީއަކަށް އިދިކޮޅު ޕާޓީގެ މެމްބަރުން އިންތިހާބު ކުރުމުން ސިޓީ ތަރައްގީ ކުރުމުގައި ކުރިމަތިވެފައި ވަނީ ދަތިތަކާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.