ރާއްޖޭގެ މަގުބޫލު އެތައް ބްރޭންޑެއް ތައާރަފްކޮށްފައިވާ ހައިރައިޒް ކުންފުނީގެ އޮފީހަށް ބަޔަކު ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ނަގައިފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ހައިރައިޒްގެ މާކެޓިން މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ އެތަނަށް ވަދެފައި ހުރީ ދޮރު ހަލާކުކޮށްގެން ކަމަށެވެ. އަދި އެތަނުން ވަގަށް ނަގާފައި ވަނީ ހަތަރު ލެޕްޓޮޕާއި ދެ ޓެބްލެޓް ކަމަށް ވެސް ޝާމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮފީހުގައި އެއްވެސް އަދަދަކަށް ފައިސާ ނުހުންނާނެ ކަމަށާއި އެހެން ކަމުން އެ ހާދިސާގައި ފައިސާ ވަގަށް ނަގާފައިނުވާ ކަމަށެވެ.

ޝާމިން ވިދާޅުވި ގޮތުގައި ފުލުހުންގެ ފޮރެންސިކް ޓީމުން މިހާރު ދަނީ އެތަނަށް ގޮސް ތަހުގީގު ފަށާފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.