28 Apr 2017, 19:14
ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރެއްވުމުގައި، ސަން ސިޔާމް ރިސޯޓްސްގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު ފަދައިން މަސައްކަތް ކުރައްވާ ބޭފުޅަކު އަދި ފެނިވަޑައިގެންފައި ނުވާކަމަށް ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގަ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގަ ބުދަ ދުވަހު ކުރު ޗުއްޓީއަކަށް ރާއްޖެ ވަޑައިގެންނެވި އިރު، އެބޭފުޅާ ހުންނެވީ ދަ ސަން ސިޔާމް އިރުފުށި ރިސޯޓުގައެވެ.
ޗުއްޓީ ނިންމަވާލެއްވުމުގެ ކުރިން އިރުފުށީގައި "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އަމަރަތުންގަ ވިދާޅުވީ، ސަން ސިޔާމް ރިސޯޓްސްގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދަކީ ވަރަށް ހަރަކާތްތެރި، "ޑައިނަމިކް" ބޭފުޅެއް ކަމަށެވެ.
"ސަންގެ ޗެއާމަނަކީ ވަރަށް ޑައިނަމިކް ބޭފުޅެއް. އަޅުގަނޑު އަދި ދުވަހަކުވެސް ނުދެކެން އެހާ އެކްޓިވް ވިޔަފާރިވެރިއެއް. ހުރިހާ ކަމެއްގައިވެސް ކުރިއަށް ވަޑައިގަތުމަށް ސިޔާމް އަބަދުވެސް ޝައުގުވެރިވެލައްވާކަން ފާހަގަވޭ،" މިނިސްޓަރު އަމަރަތުންގަ ވިދާޅުވިއެވެ.
ސަން ސިޔާމް ރިސޯޓްސްއިން ސްރީލަންކާގެ އިރުމަތީގެ ބީޗް ޓައުން ޕާސިކުޑަގައި "ސަން އަކުއާ"ގެ ނަމުގައި ރިސޯޓެއް ހިންގައެވެ. މިނިސްޓަރު އަމަރަތުންގަ، ސަން އަކުއާ ޕާސިކުޑަގެ މަސައްކަތްތައް ހިނގަމުންދާ ގޮތަށް ވެސް ތައުރީފު ކުރެއްވިއެވެ.
ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު އަމަރަތުންގައާ އެކު، ސީނިއާ އެޑްވައިޒަރ ޓު މިނިސްޓަރ އޮފް ޓޫރިޒަމް ފީލިކްސް ރޮޑްރީގޯވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މީގެ ކުރިން ޓޫރިޒަމްގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ރޮޑްރީގޯ ވިދާޅުވީ، ސަން ސިޔާމް ރިސޯޓްސްގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ މެދު ކަންކަން ކުރަމުން އަންނަނީ ވަރަށް ރަނގަޅަށް ކަން ފާހަގަވި ކަމަށެވެ.
"އަޅުގަނޑު މުވައްޒަފުންނާ ވާހަކަ ދައްކައިލިން. އެމީހުން ތިބީ މެނޭޖްމެންޓުން ކަންކަން ކުރާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. ޚާއްސަކޮށް ސްރީލަންކާއަށް ނިސްބަތްވާ މުވައްޒަފުން. ހުރިހާ މުވައްޒަފުންވެސް ވަރަށް އުފާވެފައި ތިބެނީ،"
މުވައްޒަފުންނާ މެދު މެނޭޖުމެންޓުން ހެޔޮކޮށް ކަން ކުރާކަން ފާހަގަކުރަމުން، ރޮޑްރީގޯ ވިދާޅުވީ، މިކަމުގެ ތައުރީފުވެސް ރައްދުވަނީ، އެކަންކަން ފުރިހަމައަށް ރާވައި ހިންގަވަމުން ގެންދަވާ ސިޔާމްއަށް ކަމަށެވެ.
"މުވައްޒަފުން މިތަނުގައި މަސައްކަތް ކުރާހިތުން މަސައްކަތް ކުރަމުން އެދަނީ އެބޭފުޅާގެ އިރުޝާދުތަކުގެ ފުރިހަމަކަމުން،" ރޮޑްރީގޯ ވިދާޅުވިއެވެ.