09 Jul 2011, 09:31
ކިންޝާސާ : ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ޤައުމީ އެއަރލައިން ކަމަށްވާ ހެއިވާ ޕޫރާ ގެ ފަސިންޖަރު މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި މީހުންގެ ތެރެއިން 53 މީހަކު މަރުވެއްޖެ އެވެ.
ހެއިވާ ޕޫރާ ކުންފުނީގެ ޗީފް އެގްޒެކެޓިވް ސްޓާފްރުސް ބައިވާނޫ ރޮއިޓާސް އަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ބޮއިން 727 މަރުކާގެ މި މަތިންދާބޯޓު ވެއްޓުނީ ކިސިންޖާނީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތިރިކުރަމުން ދިޔަވަގުތު މޫސުން ގޯސްވެފައިވާތީ ޕައިލެޓަށް އެއަރޕޯޓްގެ ރަންވޭ ނުފެނިގެންކަމުގަ އެވެ.
ވެއްޓުނު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 40 މީހަކު ސަލާމަތް ކުރެވުނު ކަމަށް ކޮންގޯގެ ސިވިލް އޭވިއޭޝަނާބެހޭ އިދާރާއިން ބުނެއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަމީހުންގެ ހަށިތަކުގެ ބޮޑުބައި ފިހިފައިވާތީ މަރުވި މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އެއިދާރާއިން ބުނެ އެވެ.
ކޮންގޯގެ ޤައުމީ އެއަރލައިންގެ މަތިންދާބޯތުތަކުގެ ސަލާމަތީ ކަންކަމާއި މެއިންޓަނަންސްގެ މައްސަލަތަކާ ގުޅިގެން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ވަނުން އެބޯޓުތަކަށްވަނީ މަނާކޮށްފައެވެ. (ރޮއިޓާސް)