ގދ. ނަޑެއްލާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގޭގައި ހުރި ހުރިހާ ހިފައިގެންގުޅޭ ސާމާނަކާ އެކު ގެ އަނދައި ހުލި ވެއްޖެއެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބް 'ސަން' އަށް ވިދާޅުވީ، އެ ރަށު 'ފާލްސާ" ގޭގައި އަލިފާނުގެ ހާދިސާ ހިނގީ މިއަދު ހެނދުނު 9:20 ކަންހާއިރު ކަމަށާއި ރައްޔިތުންގެ ބޮޑު އެހީތެރިކަމަކާ އެކު 10:10 ގައި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މިއަދު ހެނދުނު ނަޑެއްލާ ގައި ހިނގި އަލިފާނުގެ ހާދިސާގައި ޕާލްސް ގޭގައި އަލިފާން ރޯވެފައި --- ސަން ފޮޓޯ

"އަލިފާން ރޯވި ގޭގައި ކުޑަ ކުއްޖަކާއެކު ހަ މީހުން ދިރިއުޅެމުން ދިޔައީ. އެވަގުތު ބައެއް މީހުން ތިބި ނިދާފައި ވެސް. ނަމަވެސް އަލިފާން ގަނޑު ފެތުރުމުގެ ކުރިން ހުރިހާ އެންމެން ވެސް ގެއިން ވަނީ ނެރެފައި،" އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާ އެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެކެއްގެ ކަނާތް ފަރާތު ކަންފަތް ކައިރި ކުޑަކޮށް ފިހިފައިވާ ކަމަށެވެ.

މިއަދު ހެނދުނު ނަޑެއްލާ ގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ޕާލްސްގެ ބިމާ ހަމަވެފައި --- ސަން ފޮޓޯ

މީހަކަށް މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް ފައިސަލް ވިދާޅުވީ އެ ގޭގައި ދިރިއުޅެމުން ދިޔަ ހަ މީހުން ލައިގެން ހުރި އެއްޗިހި ނޫން އެހެން ހުރިހާ ސާމާނެއް ވަނީ އަނދައި ހުލިވެފައި ކަމަށާއި އަދި އެ ގެ ވަނީ މިހާރު ބިމާ ހަމަވެފައި ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު އަލިފާން ރޯވެ ގެއްލުންވެފައިވަނީ ނަޑެއްލާގެ ކައުންސިލް މެމްބަރު މުހައްމަދު މޫނިސް ދިރިއުޅުއްވާ ގޭގައެވެ.

ގދ. އަތޮޅު ކައުންސިލް މެމްބަރު އިނާޒް އަލީ ސަންއަށް ވިދާޅުވީ، ފަލްސަފާ ގޭގައި ރޯވެ ހިނގައި ދިޔަ ހިތާމަވެރި ހާދިޘާގައި ގެއްލުން ލިބުނު އާއިލާއާ ބައްދަލުކޮށްލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ ހާދިސާ އިތުރަށް ތަހުގީގްކުރުމަށްޓަކައި އެމްއެންޑީއެފް އާއި ފުލުހުންގެ ޓީމެއް މިހާރު ދަނީ އެ ރަށަށް ދަތުރު ކުރަމުންނެވެ.