އިނގިރޭސި ޕްރިމިިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފޯރިގަދަ ޑާރބީ މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ސިޓީގެއަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމަށްވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ލިބިގެންގޮސްފައެވެ.

ފުރަތަމަ ހާފްގައި، އެންމެ ރަނގަޅު ހުސް ފުރުޞަތެއް ލިބިގެން ގޮސްފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. އެންޑަރ ހެރޭރާއަށް ސިޓީގެ އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނަ ބޮލުންޖަހައި ކުރިއަށް ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލަށް ސީދާވާ ގޮތެއް ނުވިއެވެ. އަދި މިހާފުގައި ސިޓީގެ ފޯވަޑް ސާޖިއޯ އަގުއޭރޯ އަށްވެސް ވަނީ ރަނުގެ ފުރުޞަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އަގުއޭރޯ ފޮނުވާލި ބޯޅަ ޖެހުނީ ގޯލްގެ ދަނޑީގައެވެ.

ދެވަނަ ހާފުގައި މޮޅަށް ކުޅެ ގިނަ ފުރުޞަތު ތަކެއް ތަނަވަސް ކުރީ ސިޓީއިންނެވެ. ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ވަރުގެ ހުސް ފުރުޞަތެއް އެޓީމަށްވެސް ލިބިގެންގޮސްފައެއް ނުވެއެވެ. މި ހާފުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން ކުޅުނީ ޑިފެންސިވް ގޭމެކެވެ.

ރޭގެ މެޗުގައި ޔުނައިޓެޑް ޓީމަށް އިތުރު ހާސްކަމަކާ ކުރިމަތިވީ މެޗުގެ 84 ވަނަ މިނެޓްގައި ފެލައިނީއަށް ދެއްކި ރަތްކާޑާއެކުއެވެ. އެޓީމުން މެޗް ނިންމާލަން ޖެހުނި 10 ކުޅުންތެރިންނާ އެކުއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިވަގުތު އޮތީ 64 ޕޮއިންޓާ އެކު ލީގު ތާވަލްގެ ފަސްވަނަ މަގާމުގައެވެ. ސިޓީއަށް 65 ޕޮއިންޓާ އެކު ލިބެނީ ތަވަލްގެ ހަތަރުވަނައެވެ.