ކަރާޗީ : ޕާކިސްތާނުގެ އެންމެ ބޮޑު ރަށްކަމަށްވާ ކަރާޗީގައި ހިނގަމުންދާ ސިޔާސީ އަދި ނަސްލީ ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަމީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެއެވެ.

ފަސް ދުވަސްކުރިން ފެށުނު މިހަމަނުޖެހުންތަކާބެހޭ ގޮތުން ކަރާޗީގެ ލޯކަލް ސަރުކާރުގެ މަސްއޫލުވެރިއެއް ކަމަށްވާ ޝާރްޖީލް މައިމޫން ވިދާޅުވީ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ކޮންމެ މީހެއްގެ ގަޔަށް އިންޒާރަކާ ނުލާ ބަޑިޖެހުމުގެ އަމުރު ސަލާމަތީ ބާރުތަކަށް ދީފައިވާނެ ކަމުގަ އެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންނާއި ސިފައިންގެ އިތުރުން ސަރަޙައްދީ ރޮނގު ބަލަހައްޓާ ގާޑުންގެ ފައުޖެއްވެސް ކަރާޗީއަށް ނެރެފައިވާނެ ކަމަށް ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަޙްމާން މާލިކް ވިދާޅުވިއެވެ.

ކަރާޗީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެރަށުގެ ސްކޫލްތަކާއި ފިހާރަތަކާއި ޕެޓްރޯލް ސްޓޭޝަންތައް ބަންދުކޮށް އެތެރޭގެ ޓްރާންސްޕޯޓް ވަނީ ހުއްޓާލާފައެެވެ. ކަރާޗީގައި ވެރިކަންކުރާ ޔުނައިޓެޑް ނެޝަނަލް މޫމެންޓް ޕާޓީންވަނީ މަރުވި މީހުންގެ ހަނދާނުގައި ހިތާމައިގެ ދުވަހެއް އިޢްލާންކޮށްފައެވެ.

ކަރާޗީގައި ހިނގަމުންދާ ނަސްލީ އަދި ސިޔާސީ ހަމަނުޖެހުންތަކުގައި މަރުވެފައިވަނީ އެކަމާގުޅުންނެތް އާންމުން ކަމަށާ ހަމަނުޖެހުންތަކުގެ ފަހަތުގައިވަނީ ސިޔާސީ ގޮތުން ހައްދުފަހަނަޅާފައިވާ ފަރާތްތައް ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)