މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ތިނެއްގެ ފައިނަލްގައި އޮޅުވެލިފުށި ބަލިކޮށް އޭދަފުށިން އެ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

އިއްޔެ ހަވީރު އޮޅުވެލިފުށީގައި ކުޅުނު މި މެޗުން އޭދަފުށި މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ އޭދަފުށިން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ.

ބ. އަތޮޅުގެ ޗެމްޕިއަނުންނަށް މި މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްދިނީ އަބުދުލްމަޖީދު އެއް ލަނޑު އަދި އިޝާން ބްރާހީމް ދެ ލަނޑެވެ. އޮޅުވެލިފުށީގެ ލަނޑު ޖެހީ ހަސަން ޒަރީރެވެ.

ޒޯން ތިނެއްގެ ޗެމްޕިއަން އޭދަފުށި ޓިމް--ފޮޓޯ އެފްއޭއެމް

އޭދަފުށި ޓީމުން ޒޯން މުބާރާތުގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް ހޯދައި ތަށި މިލްކް ކުރުމާ ގުޅިގެން އެޓީމަށްވަނީ އޭދަފުށި ރައްޔިތުންގެ ފަރާތުން ރަތްދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.

އޭދަފުށީ ޓީމަށް މަރުހަބާ ކިޔުމަށް އެރަށު ރަސްމީ ފާލަން ކައިރިއަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވިއެވެ. އަދި ޓީމުގެ ޝަރަފުގައި ރޭ ވަނީ ހާއްސަ ޖާފަތެއްވެސް ދީފައެވެ.

އޭދަފުށީ ޓީމް ދެން ވާދަކުރާނީ ހުރިހާ ޒޯނެއްގެ ޗެމްޕިއަނުންނާ އެކު ދިވެހި ލީގުގެ ކޮލިފައިން ބުރުގައެވެ.