28 Apr 2017, 10:38
މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން ފަހު ސިކުންތާ ހަމައަށް ވެސް މަސައްކަތް ކުރާނީ ނިއުރޭޑިއަންޓް އަތުން ތިން ޕޮއިންޓް ހޯދޭތޯ ކަމަށް ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.
ފުރަތަމަ ޑިވިޝަންގައި މިފަހަރު އަލަށް ވާދަކުރާ ގްރީން ސްޓްރީޓުން މާލޭ ލީގުގައި ނިއުރޭޑިއަންޓާ ދެކޮޅަށް މިރޭ ކުޅޭ މެޗާ ގުޅޭ ގޮތުން ސޮބާ ބުނީ މަސައްކަތް ކޮށްފިއްޔާ ބަލިނުކުރެވޭނެ ޓީމެއް ނޯންނާނެ ކަމަށާއި އުންމީދަކީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތް ކޮށް މެޗުން ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.
" އަޅުގަނޑު މިބުނީ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން އެންމެ ފަހު ސިކުންތާ ޖެހެންދެންވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ ތިންޕޮއިންޓް ހޯދަން،" ސޮބާ ބުންޏެވެ.
މީގެ ކުރިން ދުވަސްކޮޅަކު ނިއު އަށް ކޯޗް ކޮށްދިން ޒުވާން ކޯޗް ބުނީ ނަމުން މަޝްހޫރު ކުޅުންތެރިން ނިއުރޭޑިއަންޓްގައި އެބަތިބި ކަމަށާއި އަދި އެ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭނެ ފެންވަރު ގްރީން ސްޓްރީޓްގައި އެބަހުރި ކަމަށެވެ. އަދި ތަޖުރިބާގެ ގޮތުން މިފަދަ މެޗުތަކަށް ފަރިތަ ކުޅުންތެރިންވެސް އެބަތިބި ކަމަށާއި ނިއުރޭޑިއަންޓަކީ ބަލި ނުކުރެވޭނެ ވަރުގެ ޓީމެއް ނޫންކަމަށެވެ.
ގްރީން ސްޓްރީޓް މި މެޗަށް ނުކުން އިރު އޮތީ ލިބުނު 10 ޕޮއިންޓާ އެކު ތާވަލްގެ ތިންވަނައިގައެވެ. ގައުމީ ދަނޑުގައި ނިއު އަދި ގްރީން ސްޓްރީޓް މެޗް ފަށާނީ މިރޭ 21:00ގައެވެ.