ބޭނުންވަނީ ހަމައެކަނި ނަމުން ބޮޑުވާން ނޫން ކަމަށާއި، ނަތީޖާއިންވެސް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ އެންމެ ބޮޑު ކްލަބްކަން ދައްކައިދޭން ބޭނުންވާކަމަށް އެ ކްލަބުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.

ޓަވަރޭސް ބުނީ، ފުރަތަމަ ޑިވިޝަންގައި މިއަހަރު އަލަށް ވާދަކުރާ ކްލަބު ގްރީން ސްޓްރީޓާ ދެކޮޅަށް ނިއުއިން ނުކުންނާނީ އެ މެޗުން ތިން ޕޮއިންޓް ހޯދަންކަމަށެވެ.

މާލޭ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓް ބައްދަލުކުރާމެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޓަވަރޭސް ބުނީ ދަނޑު ބޭރުގައި އެންމެ ބޮޑު ކްލަބޭ ކިޔަސް ނަތީޖާ ނުނެރެވޭނަމަ އެ ކުލަބަކީ އެންމެ ބޮޑު ކުލަބަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން ދަނޑުމަތީގައި ވެސް އެ ކުލަބަކީ އެންމެ ބޮޑު ކުލަބުކަން ދައްކަންޖެހޭ ކަމަށް ކޯޗު ބުންޏެވެ. އަދި މިރޭގެ މެޗަށް ނުކުންނާނީ ނަތީޖާއިން އެކަން ދައްކަން ކަމަށް އޭނާ ބުންޏެވެ.

ޓަވަރޭސް ބުނީ، ނިއުރޭޑިއަންޓަށް ގްރީން ސްޓްރީޓް މެޗު ފަސޭހަކޮށް ނުލެވޭނެކަމަށާއި މިވަގުތު ލީގުގައި ވާދަކުރަމުންދާ ޓީމްތަކުގެ ތެރެއިން ގްރީން ސްޓްރީޓަކީ މޮޅު ީޓީމެއްކަމަށެވެ. އަދި ނިއުރޭޑިއަންޓް އޮތީ އެ ޓީމް އަތުން މޮޅުވާން ތައްޔާރަށް ކަމަށާއި މިރޭގެ މެޗަށް ނުކުންނާނީ އިދިކޮޅުގައި އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށް ދަނެ ތިބެ ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން ނިއުރޭޑިއަންޓުން ކުޅުނު މެޗުތަކުގައި ލިބުނު ބައެއް ފުރުޞަތު ތަކުގެ ބޭނުން ބައެއް ކުޅުންތެރިންނަށް ނުކުރެވޭ ކަމަށް ބުނެ ސުވާލުކުރުމުން ޓަވަރޭސް ބުނީ އޭނާއަށް ފާހަގަވާގޮތުގައި ކޮންމެ ކުޅުންތެރިއަކުވެސް މެޗުން މޮޅުވާން މަސައްކަތް ކުރާ ކަމަށާއި ނަސީބު ދިމާކުރާ ގޮތުން ގޯލެއް ނުޖެހުމަކީ މައްސަލައެއް ނޫންކަމަށެވެ.

މި މެޗަށް މިރޭ ނިއުރޭޑިއަންޓް ނުކުންނަ އިރު އެޓިމް އޮތީ ތާވަލްގެ އެއްވަނައިގައި 12 ޕޮއިންޓާ އެކުއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ގްރީން ސްޓްރީޓް އަދި ނިއު ކުޅޭ މެޗް ފަށާނީ މިރޭ 21:00 ގައެވެ.