ކެންސަރު ބަލީގައި އިއްޔެ މަރުވި ކުޅަދާނަ އެކްޓަރު ވިނޯދު ކަންނާ އާއި މީގެ އަށް އަހަރު ކުރިން މަރުވި އެކްޓަރު އަދި ޑައިރެކްޓަރު ފީރޯޒް ޚާން އަކީ އެންމެ ގާތް ދެ އެކުވެރިންނެވެ. އެކުގައި ގިނަ މަސައްކަތް ތަކެއް ކޮށް، އެކަކު އަނެކަކު ކުރިއެރުވުމަށް އެހީވި ދެ ތަރިން ދުނިޔެ ދޫކުރީ ވެސް އެއް ދުވަހެއްގައެވެ.

ފީރޯޒް ޚާން މަރުވެފައި ވަނީ މީގެ އަށް އަހަރު ކުރިން، 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ. ކަންނާ މަރުވެފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.

އޭގެ އިތުރުން ދެ ފަންނާނުން ވެސް މަރުވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށެވެ. ފީރޯޒް މަރުވި އިރު އުމުރަކީ 69 އަހަރެވެ. ކަންނާ މަރުވި އިރު އުމުރުން 70 އަހަރެވެ.

ފީރޯޒް އަދި ކަންނާ ވަނީ ދެ މީހުންގެ ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ޝަންކަރު ޝާމްބޫ'، 'ގުރުބާނީ'، 'ދަޔާވަން' އަދި 'ނަޔާކަން' އެކުވެރިންގެ ރޯލުން ފެނިގެން ގޮސްފައެވެ. ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދި، އެންމެ ގާތް އެކުވެރިންނަށް ބަދަލުވެގެން ދިޔައީ ވެސް އެ ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ތެރޭގައެވެ.

ފީރޯޒްގެ ދެވަނަ ޕްރޮޑަކްޝަން 'ޖާންބާޒް' ގައި ކަންނާ ލީޑު ރޯލު ކުޅުވަން ފީރޯޒް ބޭނުންވި އެވެ. ނަމަވެސް އެއީ ކަންނާ ފިލްމީ ދާއިރާ އާ ދުރަށް ދިޔަ ދުވަސްވަރު ކަމުން، އެ ރޯލު އަނިލް ކަޕޫރަށް ލިބުނީ އެވެ.

ކަންނާ ބޮލީވުޑް ދޫކޮށްލީ، އަމީތާބް ބައްޗަންގެ ނަގާފައި ބޮލީވުޑުގެ އެންމެ މަޝްހޫރު އެކްޓަރުގެ ގޮތުގައި ބެލެވިފައި ވަނިކޮށެވެ. ބޮލީވުޑު ދޫކޮށްލުމަށް ފަހު ކަންނާ ފެށީ ގަސް އިންދުމުގެ މަސައްކަތެވެ.

ނަމަވެސް ތަގުދީރު ނިޔާކުރި ގޮތުން ކަންނާ އަށް އެނބުރި ފިލްމީ ދާއިރާ އަށް އަންނަން ޖެހުނީ އެވެ. ފީރޯޒް އަކީ ކަންނާ އަށް އެންމެ ފުރަތަމަ މަރުހަބާ ކީ މީހާ އެވެ. އަދި 'ދަޔާވަން' ގެ ލީޑު ރޯލަށް ކަންނާ ހަމަޖެއްސި އެވެ. ނަމަވެސް ކަންނާ އެނބުރި އައިފަހުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ މުކުލް އާނަންދުގެ 'އިންސާފް' އަދި ރާޖް ސިއްޕީގެ 'ސަތުޔަމޭވް ޖަޔަތީ' އިންނެވެ.

ފީރޯޒް އާއި ކަންނާ އަކީ އެ ޒަމާނުގެ އެންމެ ރީތި ދެ އެކްޓަރުންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ފީރޯޒް މަރުވުމާ ހަމައަށް ވެސް ދެމީހުން އެކުވެރިންގެ ގޮތުގައި ދެމިތިއްބެވެ. ފީރޯޒް މަރުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަންނާ ވަނީ އެކްޓަރު ދަރްމެންދުރާ އާއެކު، ފީރޯޒް އަށް ޒިޔާރަތް ކޮށްފައެވެ. އަދި ދެމީހުން އެކުގައި ހިތާމަކޮށް ރޮއެ ހަދާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެންމެ ފަހުން ކަންނާ ވެސް ހަމަ އެ ބަލީގައި މަރުވެގެން ދިޔައީ އެންމެ ގާތް އެކުވެރިޔާ އާ އެއް ދުވަހެއްގައި އެތައް ބަޔަކު ރޮއްވާލުމަށް ފަހު އެވެ.