28 Apr 2017, 17:35
ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ވިނޯދު ކަންނާ މަރުވި ޚަބަރު ވެގެން ދިޔައީ ހިންދީ ފިލްމުތަކަށް ލޯބިކުރާ ގިނަ ބަޔަކަށް ލިބުނު ސިހުމަކަށެވެ.
ވަރަށް ބޮޑަށް ހާލު ދެރަވެގެން، ކަންނާ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން މުމްބާއީގައި ހުންނަ އެޗްއެން ރިލަޔަންސް ފައުންޑޭޝަން އެންޑް ރިސާރޗް ސެންޓަރގައި އެޑްމިޓްކޮށްފައެވެ. އޭނާ ގެއަށް ދޫކޮށްލި ފަހުން އާއިލާ އިން ވަނީ ކަންނާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.
ނަމަވެސް އޭގެ ފަހުން އާންމުވި ފޮޓޯ އަކުން ގިނަ ބަޔަކު ރޮއްވައިލި އެވެ. ބިޔަ ހަށިގަނޑެއްގެ ވެރި ކަންނާ ވަނީ މުޅިން ހިކި އަނަރޫފަ ވެފައެވެ. އަދި މީހާގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.
ކަންނާގެ ނިކަމެތި ހަށިގަނޑު ފެނި ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު އިރުފާން ޚާން ވަނީ، އޭނާގެ ގުނަވަންތައް ވެސް ވިނޯދަށް ހަދިޔާ ކުރަން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.
ކެންސަރު ބަލީގައި އުޅުމަށް ފަހު ކަންނާ މަރުވި އިރު އުމުރުން 70 އަހަރެވެ. ގިނަ އަދަދެއްގެ ފިލްމުތަކެއް ކުޅެފައިވާ ކަންނާ އަކީ ގިނަ ބައެއްގެ ލޯބި ހޯދި ކުޅަދާނަ އެކްޓަރެކެވެ. ކޮންމެ ރޯލެއް ވެސް އަދާކޮށްފައި ވަނީ ވަރަށް ފުރިހަމަ އަށެވެ.
ހަމަގައިމުވެސް ކަންނާ ދުނިޔެ ދޫކޮށް ދިއުމަކީ ފިލްމީ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެކެވެ. ކަންނާގެ ޖަނާޒާގައި ބޮލީވުޑުގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި އިރު، ސޯޝަލް މީޑިއާ މެދުވެރިކޮށް ހުރިހާ ފަންނާނުން ކަހަލަ ގޮތަކަށް އަންނަނީ ކަންކާ ވަކިވެގެން ދިއުމުގެ ހިތާމަ ފާޅު ކުރަމުންނެވެ.
އެގޮތުން 'އަމަރް އަކްބަރް އެންތަނީ' ގައި ކަންނާ އާއެކު މަސައްކަތް ކުރި އެކްޓަރު ރިޝީ ކަޕޫރު ވަނީ ދުވަހަކު ވެސް ކަންނާގެ ހަނދާން ނުފިލާނެ ކަމަށާއި، ކަންނާ އާއެކު ހޭދަކުރި ވަގުތުތައް ހަނދާން ކުރަމުން އަންނަ ކަމަށް ބުނެ ދެމީހުންގެ ފޮޓޯ އެއް ޓުވީޓު ކޮށްފައެވެ.
"އަހަރެންގެ އެކުވެރިއަކަށް ވީތީ ޝުކުރިއްޔާ" ރިޝީ ބުނެފައިވެ އެވެ.
ރިޝީގެ އިތުރުން، އަނުޕަމް ޚޭރު، އަކްޝޭ ކުމާރު، ނަވާޒުއްދީން ސިއްދީގީ، ނޭހާ ދުޕިއާ، ކަރަން ޖޯހަރު އަރްޖުން ރާމްޕާލް ފަދަ އެތައް ފަންނާނުންނެއް އަންނަނީ ކަންނާގެ މަރާ ގުޅިގެން ހިތާމަ ފާޅު ކުރަމުންނެވެ.
އެންމެން ވެސް ބުނަމުން އަންނަނީ ކަންނާ ފަދަ ދެވަނަ އެކްޓަރަކު ނެތް ކަމަށާއި، އޭނާ ނެތުމަކީ ފިލްމީ ދާއިރާ އަށް ލިބޭނެ ބޮޑު އުނިކަމެއް ކަމަށެވެ.
ކަންނާގެ މަރާ ގުޅިގެން ފިލްމީ ދާއިރާއަށް ވަނީ ބޮޑު ހިތާމައެއް ލިބިގެން ގޮސްފައެވެ.
ބީޖޭޕީގެ ފަރާތުން ޕާލަމެންޓުގައި ޕަންޖާބުގެ ގުރުދާސްޕޫރު ޑިސްޓްރިކްޓް ތަމްސީލުކުރާ ވިނޯދު ކަންނާ އުފަންވީ، 6 އޮކްޓޫބަރު 1946 ވަނަ އަހަރު، ޕާކިސްތާނުގެ ޕިޝާވަރުގައެވެ. އޭނާ ވަނީ 1968 އާއި 2013 ވަނަ އަހަރާ ދެމެދު 141 ފިލްމު ކުޅެފައެވެ.
ކަންނާ ލީޑު ރޯލް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި، މޭރޭ އަޕްނޭ، މޭރާ ގާއޯން މޭރާ ދޭޝް، ގައްދާރު، ޖެއިލް ޔަތުރާ، އިމްތިހާން، އިންކާރު، ކުއްޗޭ ދާގޭ، އަމަރް އަކްބަރު އެންތަނީ، ރާޖްޕުތު، ޤުރުބާނީ، ޤުދުރަތު، ދަޔާވަން، ކާރުނާމާ، ސޫރްޔާ، އޭން އަވޭކަނިން، އަދި ޖުރުމް ހިމެނެއެވެ.
ވިނޯދު ކަންނާގެ ދަރީންގެ ތެރޭގައި ބޮލީވުޑް ތަރި އަކްޝޭ ކަންނާއާއި ރާހުލް ކަންނާ، އަދި ޝަޝީ ކަންނާއާއި ޝްރައްދާ ކަންނާ ހިމެނެއެވެ.
ސިޔާސީ ދާއިރާއާ ކަންނާ ގުޅުނީ، 1997 ވަނަ އަހަރުއެވެ. ޖެހިގެން އައި އަހަރު ބީޖޭޕީގެ ޓިކެޓްގައި ވާދަކޮށް އޭނާ ވަނީ، ގާނޫނުހަދާ މަޖިލީހަށް ހޮވިފައެވެ.