ދެހާސް ފަސް ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ކޮމެޑީ ފިލްމު 'ނޯ އެންޓްރީ'ގެ ދެވަނަ ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ދީފި އެވެ.

ފިލްމުގެ ސީކުއެލް 'ނޯ އެންޓްރީ މޭ އެންޓްރީ'ގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އަނީސް ދީފައި މިވަނީ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ވިސްނުމެއް ޑައިރެކްޓަރު ނުގެންގުޅޭ ކަމަށް ބެލެވިފައި ވަނިކޮށެވެ.

'ނޯ އެންޓްރީ'ގެ ކާމިޔާބަށް ފަހު ފިލްމުގެ ސީކުއެލް އެއް އުފައްދާ ވާހަކަ ދެކެވުނު ނަމަވެސް، ފަހުން ވަނީ އެއީ ނުވާނެ ކަމެއް ކަމަށް ނިންމައިފައެވެ.

އެހެން ނަމަވެސް އަނީސް ބުނީ މިހާރު 'ނޯ އެންޓްރީ މޭ އެންޓްރީ'ގެ ސްކްރިޕްޓް ވަރަށް ބޮޑަށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ސްކްރިޕްޓަށް ގެންނަން ޖެހޭ ކުދި ކުދި ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ.

ފިލްމުގެ މަސައްކަތް ފަށާނެ ތާރީޚު އަދި ހާމަކޮށްފައި ނުވި ނަމަވެސް، ފިލްމުގެ ލީޑު އެކްޓަރު ސަލްމާން ޚާނަށް ސްކްރިޕްޓު ވަރަށް ބޮޑަށް ކަމުދިޔަ ކަމަށާއި، މިހާރު މަސައްކަތް ފަށާނެ ތާރީޚަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އަނީސް ބުންޏެވެ.

ފިލްމުގައި ސަލްމާން، އަނިލް ކަޕޫރު އަދި ފަރްދީން ޚާންގެ ޑަބަލް ރޯލު ފެނިގެން ދާނެ އެވެ.