28 Apr 2017, 14:54
ފިލްމީ ދާއިރާއިން އާ މޫނުތައް ފެނުން ގިނަވެއްޖެއެވެ. އަބަދު އެއް މޫނުތަކެއް ފެންނާތީ ޝަކުވާކުރާ މީހުންގެ އެފަދަ ޝަކުވާތައް ވެސް މަދުވެއްޖެއެވެ. ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން، އާ ތަރިންނަށް ފުރުސަތުތައް ފަހިކޮށްދޭން ފެށީއެވެ. ފިލްމު ތަކުން ޗާންސް ތައް ދޭން ފެށީއެވެ.
އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމު "ނޯޓީ 40" އަކީ ވެސް ފިލްމީ ދާއިރާއަށް މުޅިންއާ ތަރިންތަކެއް ތައާރަފްވެގެންދާނެ ފިލްމެކެވެ. ދައްކަން މިއުޅެނީ، ސަން ޓީވީގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން، "ނޯޓީ 40" ގައި ބޮޑު ރޯލެއް ކުޅުނު އަހްމަދު ޝަރީފް (އަންމު)ގެ ވާހަކައެވެ.

"ނޯޓީ 40" އިން ފެނިގެންދާނެ އަހްމަދު ޝަރީފް (އަންމު) ----
"ސަން" އަށް ދިން އިންޓަވިއުއެއްގައި އަންމު ބުނީ، އޭނާއަށް ފިލްމު ކުޅެން ފުރުސަތުދީ، އެ ދާއިރާގެ ތެރެއަށް ނެރެދިނީ "ނޯޓީ 40"ގެ ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ކަމަށެވެ. އޭނާ ހުރީ ޔޫއްޕެއާ އެކު ފިލްމީ މަސައްކަތްތަކައިގެން ކުރިޔަށްދާން ތައްޔާރަށެވެ.
"މިކުޅެވުނީ އަދި ފުރަތަމަ ފިލްމު. ޔޫއްޕެ ހަމަ އެއީ ބެސްޓް. ރުޅިގަދަ އެއް ނުވާނެ. ވަރަށް ހެލްޕްފުލް. ޔޫއްޕެ އާ އެއްކޮށް މަަސައްކަތްކުރަން ވަރަށް ފަސޭހަ. އަދިވެސް ޔޫއްޕެގެ ފިލްމަކުން ޗާންސެއް ލިބުނިއްޔާ ދޫކޮށެއް ނުލާނަން،" އަންމު ބުންޏެވެ.

އަންމު "ސަން" އަށް އިންޓަވިދެނީ----
މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވި އަންމު ބުނީ، އަލަށް ފިލްމެއްގައި މަަސައްކަތް ކުރަން ފެށި އިރު ކުދިކުދި ދަތިތައް ހުރި ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ފިލްމުގެ ކުރޫގެގެ ތެރެއަށް ހޭނުނު ކަމަށެވެ. އޭނާ ބުނީ އެކްޓް ކުރުމަކީ ޕްރެޒެންޓް ކުރުމާ ވަރަށް ތަފާތު ކަމެއް ކަމަށެވެ. އަދި އެކްޓް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"އެކްޓް ކުރުމަކީ އަސްލު ފަސޭހަ ކަމެއް ނޫން. އެކަމު މިކަމަމުގެ ތެރޭގަ އުޅެފަ، ތަޖުރިބާ ހުރި މީހުންނަށް އެހާ އުނދަގުލެއް ނުވާނެ. އަސްލު ޝައުގުވެރިކަމާއެކު ކޮށްފި ނަމަ ވަރަށް ފަސޭހަ ވާނެ،" އަންމު ބުންޏެވެ.
"ނޯޓީ 40"ގައި އަންމު ފެނިގެންދާނީ މަންމަ އަކާ ނުލައި ބައްޕައަކު އެކަނިމާއެކަނި ބަލައި ބޮޑުކޮށްފައި ހުރި ހަރުދަނާ ފިރިހެން ކުއްޖެއްގެ ރޯލުންނެވެ. އަދި ވަރަށް ރޮމޭންޓިކް ފިރިއެއްގެ ރޯލުންވެސް އަންމު އެ ފިލްމުން ފެނިގެންދާނެއެވެ.
އަންމު އާއެކު އެ ފިލްމުގައި އޭނާގެ ކޯ އެކްޓަރުންގެ ގޮތުގައި ފެނިގެންދާނީ، ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

"ނޯޓީ 40" އިން ފެނިގެންދާނެ އަހްމަދު ޝަރީފް (އަންމު) ----
މުޅި ޖުމްލަ ފަސް ލަވަ ހިމެނޭ "ނޯޓީ 40" އާ ގުޅޭގޮތުން ވާހަކަދައްކަމުން އަންމު ބުނީ، ބޮޑު ކާސްޓަކާއެކު މަސައްކަތް ކުރަން ޖެހުމުން ކުރެވުނީ ވަރަށް ފޮނި އަދި އެހާމެ ތަފާތު ތަޖުރިބާއެއް ކަމަށެވެ. އޭނާ ބުނީ ވަރަށް ހިތްހަމަ ޖެހިގެން ފިލްމުގެ މަންޒަރުތައް ނެގުނު ކަމަށެވެ.
"ވަރަށް ތަފާތު އެކްސްޕީރިއެންސެއް މީ. ވަރަށް ހިތްހަމަ ޖެހޭ ކުރެވުނު މަސައްކަތާ ދޭތެރޭ. ޔޫއްޕެ ބޭނުންވާ ވަރަށް މަސައްކަތް ކުރެވިފަ ހުންނާނީ. ބޭނުންވީ ޔޫއްޕެ ބޭނުންވާ ވަރަށް އެކްޓް ކޮށްލަން،" އަންމު ބުންޏެވެ.
ށ. މިލަންދޫގައި ޝޫޓް ކޮށްފައިވާ "ނޯޓީ 40" އާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން އަންމު ބުނީ، ފުރަތަމަ ފިލްމަށް ވުމުން މަންޒަރުތަކުގެ ފީލިންގްސް ގެނެންނަން ފުރަތަމަ އުނދަގީވި ކަމަށެވެ. ނަމަވެސް އެހެން ތަރިންގެ އެހީތެރިކަމާއެކު ފަހުން، ވަރަށް އަވަހަށް ކަންކަން ދަސްވެގެން ދިޔަ ކަމަށްވެސް އަންމު ބުންޏެވެ.

"ނޯޓީ 40" އިން ފެނިގެންދާނެ އަހްމަދު ޝަރީފް (އަންމު) ----
"ފާހަގަ ކޮށްލާނަން އަޒޫ، އަޒޫ އައިސް ކިޔާދޭނެ މިވެނި ސީނެއްގަ މިހެން ހުންނާށޭ. ދެން ޔޫއްޕެ. ޔޫއްޕެ ވެސް ހުންނާނެ ހަމަ ކިތަންމެ އިރެއް ވިޔަސް ފޫހި ނުވެ ބުނެދޭން. ވަރަސް ބެސްޓް އެންމެން ވެސް. ވަރަށް ހެލްޕްވި އެންމެން. ދެން ބުނެލާނީ މިއަހަރު ނެރޭ އެންމެ ވަރުގަދަ ފިލްމަށް މި ފިލްމު ވާނެއޭ،" އަންމު ބުންޏެވެ.
އަންމު ބުނީ، އޭނާގެ އެކުވެރިންނާއި އާއިލާގެ ފަރާތުން ވަރަށް އެއްބާރުލުން ލިބުނު ކަމަށެވެ. އަދި އޭނާ ވަޒީފާ އަދާކުރާ ސަންމީޑިއާގެ އިސް ވެރިންގެ ފަރާތުންވެސް ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"ނޯޓީ 40" ގައި އަންމު ކޮށްފައިވާ މަސައްކަތާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަދި އެކްޓަރު އަހުމަދު ސައީދު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ފިލްމުގެ ޑައިރެކްޓަރު ޔޫއްޕެ ވެސް ބުނަނީ އަންމުގެ އެކްޓިންގް ވަރަށް ފުރިހަމަ ކަމަށެވެ. އަދި އަންމު އަކީ ވަރަށް އަހުލާގު ރަނގަޅު ކުއްޖެއް ކަމަށާއި މިދާއިރާއިން ކުރިޔަށް ދިޔުމުގެ ފުރަސަތު އެބައޮތް ކަމަށް ވެސް ޔޫއްޕެ އަދި ސައީދު ވެސް ބުންޏެވެ.
"ނޯޓީ 40" ގެ ފަސްޓް ލުކް---
"ނޯޓީ 40"އަށް ފަހު އަންމު ފިލްމީ ދާއިރާއިން ފެންނާނެތޯ ސުވާލުކުރުމުން ދިނީ ތަފާތު ޖަވާބެކެވެ. އޭނާ ބުނީ، އަދި ފިލްމެއް ކުޅެން ހިޔާލުކޮށްފައި ނެތް ކަމަށެވެ. ނަމަވެސް ފިލްމު ކުޅުން ހުއްޓާލީ އެކޭ އަންމު ނުބުނެއެވެ. ޔޫއްޕެގެ ފިލްމެއް ވިއްޔާ އަދިވެސް އޭނާ ކުޅޭނެއެވެ.
ކޮންމެއަކަސް "ނޯޓީ 40" ގައި އަންމު ކޮށްފައިވާ މަސައްކަތް ބަލާލުމަށް ބެލުންތެރީން ޖެހެނީ އަންނަ އޯގަސްޓް މަހުގެ ދެވަނަ ދުވަހަށް އިންތިޒާރުކޮށްލާށެވެ.