ﷲ ބާވާލެއްވި ދިރިއުޅުމުގެ ނިޒާމް ދޫކޮށް، ޑިމޮކްރަސީއަކުން އަމާންކަމެއް ވެސް އަދި އުފާވެރިކަމެއް ވެސް ނުހޯދޭނެ ކަމަށް އައް ޝައިޚު އިބުރާހީމް ފަރީދު އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

"އެންމެ ބޮޑު ދުޝްމަން"ގެ ނަމުގައި ރޭ އާޓިފިޝަލްބީޗުގައި ދެއްވި ދަރުސްގައި ފަރީދު ވިދާޅުވީ އަޅުގަނޑުމެން މުސްލިމުން ދިރިއުޅުމަށް ﷲ ސުބުހާނަހު ވަތަޢާލާ ބާވާލެއްވީ ޑިމޮކްރަސީ ނޫން ކަމަށެވެ. އަދި ﷲ ބާވާލެއްވި ކީރިތި ގުރުއާން އެއީ ދިރިއުޅުމުގެ ނިޒާމެއް ކަމަށް ނުފުދެނީތޯ އޭނާ ސުވާލުކުރެއްވި އެވެ.

"ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެން ދިރިއުޅުމަށް އޮނިގަނޑެއް ބާވައި ނުލައްވަނީތޯ؟ ހަތް ވަނަ އުޑުގެ މަތިން ﷲ ސުބުހާނަހޫ ވަތައާލާ އަޅުގަނޑުމެންގެ މައްޗަށް ބާވާލައްވާފައިވާ އެމަތިވެރިވެގެންވާ ކީރިތި ޤުރުއާން ކޮބައިތޯ؟ އެއީ އަޅުގަނޑުމެންގެ ދުސްތޫރެއް ކަމުގައި ނުފުދެނީތޯ؟ އިސްލާމީ ޝަރީއަތް އެއީ އަޅުގަނޑުމެންގެ ނިޒާމެއްކަމުގައި ނުފުދެނީތޯ؟" ޝައިޚު ފަރީދު ސުވާލުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ނިޒާމު ދޫކޮށްލާފައި ޑިމޮކްރަސީ ހޯދަން ހެޔޮނުވާނެ ކަމަށެވެ.

ޑިމޮކްރަސީއަކީ މުސްލިމުންނަށް އެކަށީގެންވާ ނިޒާމެއް ނޫންކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވައި ވިދާޅުވީ، ޑިމޮކްރަސީގައި ބާރުވެރިފަރާތަކީ ރައްޔިތުން ކަމަށާއި ނަމަވެސް އިސްލާމްދީނުގައި ބާރުވެވި ފަރާތަކީ ﷲ ކަމަށެވެ.
ޝެއިހު ވިދާޅުވީ އަޅުގަނޑުމެން ބޭނުންވަނީ އަމާންކަމާއި އުފާ ފާގަތިކަން ކަމަށްވާ ނަމަ ހިފަހައްޓަންވީ ﷲގެ ހުކުމްފުޅުތަކުގައި ކަމަށެވެ. އަދި ވިދާޅުވީ ފިތުނަވެރިކަމާއި ދެކޮޅުވެރިކަން އަޅުގަނޑުމެންގެ ތެރެ އަށް ފެތުރިގެން އުޅެނީ އެ ހުކުމްފުޅުތައް ދޫކޮށްލުމުން ކަމަށެވެ.

ޕާޓީ ނިޒާމް އައުމުގެ ސަބަބުން ފިތުނަވެރިކަން އުފެދިފައިވާ މިންވަރުގެ މިސާލެއްގެ ގޮތުން ޝޭޚު ވިދާޅުވީ ޕާޓީތަކުގެ ވާދަވެރިކަމުގައި ދެމަފިރިން ވަރިވެފައިވާ ކަމަށާއި ދަރިންނާއި ބަފައިން ވެސް ވަކިވެފައިވާ ކަމަށެވެ.
ޝައިޚު ވިދާޅުވީ ﷲ ބާވައިލެއްވި ދިރިއުޅުމުގެ އޮނިގަނޑު ދޫކޮށް އެހެން ކާފަރުންގެ ނިޒާމްތައް އަޅުގަނޑުމެންނަށް ބަލައި ގަނެވެނީ އެންމެ ބޮޑު ދުޝްމަން ކަމަށްވާ ޝައިތާނާގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެންމެ ބޮޑު ދުޝްމަނަކީ ޕާޓީތަކުގެ ވެރިން ނޫން ކަމަށާއި އެންމެ ބޮޑު ދުޝްމަނަކީ އެޝައިތާނާ ކަމަށެވެ.

ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި ޝައިތާނާގެ ކެހިވެރި މަޅިތަކުން ސަލާމަތް ވާނެ ގޮތް ރޭގެ ދަރުސްގައި ޝޭހު ވަރަށް ތަފްސީލުކޮށް ކިޔައިދެއްވި އެވެ. އަދި ޝައިތާނާ އިންސާނުންނަށް މަގުއޮޅުވާލުމަށް ކުރާ އެކި އެކި ކަންތައް ވެސް ވިދާޅުވެދެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ޝައިތާނާގެ ވަސްވާހުން ސަލާމަތްވުމަށް ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ޒިކުރު ކުރުމާއި ދުއާކުރުން ކަމަށެވެ.