ތިއޭޓަ މިރާޖާއި އޯކޭޒް އިންކް ގުޅިގެން އުފައްދާފައިވާ ފިލްމް، "އިލް ނޮއިސް" މިރޭ ޝްވެކް ސިނަމާގައި ޕްރިމިއަރކޮށްފިއެވެ.

އަހުމަދު މައުރޫފް ޖަމީލުގެ ސްކްރީންޕްލޭ އަކަަށް އިސްމާއީލް ނިހާދު ޑައިރެކްޓް ކޮށްފައިވާ "އިލް ނޮއިސް" އަކީ ގޮތް ނޭނގޭ ބައްޔެއް ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ. އެއީ ދެހާސް ބާރަ ވަނަ އަހަރު ގެނެސްދިން ސްޓޭޖް ޕްލޭއަކަށް މުހައްމަދު މުންތަސިރް ޕްރޮޑިއސްކޮށް އެކްޓް ވެސް ކޮށްފައިވާ ފިލްމެކެވެ.

އިނގިރޭސި ބަހުންނާއި ދިވެހި ވަރަށް މަދުު ޑައިލޮގެއް ފިލްމުން ފެނިގެންދާ "އިލް ނޮއިސް" ވެގެންދާނީ ދިވެހި އެހެން ފިލްމުތަކާއި ވަރަށް ތަފާތު ފިލްމެކެވެ.

ފިލްމުން މާގިނަ ތަރިންތަކެއް ފެނިގެނެއް ނުދެއެވެ. ލީޑުރޯލުން ފެނިގެންދަނީ މުންކޮއެވެ. މުންކޮއާ އެއްކޮށް ދެން ފެނިގެންދަނީ އަހުމަދު އަލަމް އަދި ޝަމްއަތު އިބްރާހީމް އެވެ. އަދި މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު އަހްމަދު ނިމާލް ވެސް ފިލްމުގެ ރޯލަކުން ފެނިގެން ދެއެވެ.

ފިލްމުގެ ޝޯތައް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ދައްކާގޮތަށް ހަމަޖެހިފައިވާއިރު އިތުރަށް ފިލްމު ދެއްކުމާމެދު އަދި ގޮތެއް ނުނިންމައެވެ.

"އިލް ނޮއިސް" އަވަށްޓެރި ހަތަރު ގައުމެއްގައިވެސް އަޅުވަން ވަނީ ހަމަޖެހިފައެވެ. އެއީ ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ގައެވެ.