މާލެ ސިޓީގެ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓް، އެ ދާއިރާއަށް ސަރުކާރު ކޯލިޝަނުން ވާދަ ކުރި ޑީއާރްޕީގެ ކެންޑިޑޭޓަށް ތައީދު ކުރައްވައިފި އެވެ.

އެމްޑީޕީގެ ކެނޑިޑޭޓް ހަމްޒާ މިރޭ ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ. ޕީޕީއެމަށް އޭނާ ސޮއި ކުރެއްވީ މެޑަމް ފާތުމަތު އިބްރާހިމް އިސްކޮށް ހުންނަވައި ކުރިއަށް ގެންދިޔަ ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލާފައިވާ ޕީޕީއެމްގެ ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަމްޒާ އިއުލާން ކުރެއްވީ އޭނާ ތާއިދު ކުރައްވާނީ މާލެ ސިޓީގެ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ޑީއާރްޕީގެ ފަރާތުން ވާދަ ކުރެއްވި މުހައްމަދު ފިޝާވީންއަށް ކަަމށެވެ.

އެމްޑީޕީ ޕްރައިމަރީގައި އަންހެން ބޭފުޅަކާ ވާދަ ކުރައްވައި ހަމްޒާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 52 ވޯޓު ހޯއްދަވައިގެންނެވެ. އެ ޕްރައިމަރީގައި ވޯޓު ދިނީ ވެސް އެމްޑީޕީގެ 88 މެމްބަރުންނެވެ. އެއީ މާލޭ ދާއިރާގެ ޕްރައިމަރީއެއްގައި އެންމެ މަދުން އެމްޑީޕީ މެމްބަރުން ވޯޓު ދިން ދާއިރާ އެވެ.

އެމްޑީޕީ ފިޔަވައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެހެން އެއްވެސް ޕާޓީއަކުން ވެސް ހެންވޭރު އުތުރު ދާއިރާއަކަށް ކެނޑިޑޭޓުން ނެރެފައެއް ނުވެއެވެ. އަދި އަމިއްލަ ކެންޑިޑޭޓަކު ވެސް އެ ދާއިރާއަށް ކުރިމަތިލާފައެއް ނުވެއެވެ.

އިންތިހާބުގެ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް އިން އިއުލާންކޮށްފައި އޮތުމުން އެ ދާއިރާގެ ވޯޓް ކަރުދާހުގައި އެމްޑީޕީގެ ކެންޑިޑޭޓް ހަމްޒާގެ ނަން އޮންނާނެ އެވެ.